ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ)ގެ ދަށަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހިންގަމުންދިޔަ 193 ބޭސްފިހާރަ ބަދަލުކޮށް ރަސްމީކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އައު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ހާމަކުރެއްވި ގޮތުގައި، ހުރިހާ ފާމަސީއެއްގައި ހުރި ބޭހުގެ ޢަދަދުތައް މިހާރު ވަނީ ބަލައި ނިމިފައެވެ. އަދި ސްޓޮކް ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ޒަމާނީ ސިސްޓަމްތައް ޤާއިމުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. ކުރިއަށް އޮތް ތަނުގައި ވަގުތުން ވަގުތަށް ބޭހުގެ ސްޓޮކް އެނގޭނެ އިންތިޒާމު ހަމަޖެހި، ހުރިހާ ރަޖިސްޓްރީއެއް އެ ކުންފުނީގެ ނަމަށް ބަދަލުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމެވެ.

ބޭހުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހް ވިދާޅުވީ، މީގެ ކުރިން އެސްޓީއޯއިން އޯޑަރު ދީފައިވާ ތަކެތި ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެކަމަށެވެ. މީގެ އިތުރުން، ރާއްޖެއިން އާންމުކޮށް ލިބެން ނެތް ބޭސްތައް ހޯދުމާއި، ކުރިއާލައި ބޭނުންވާ ބާވަތްތައް ދެނެގަނެ ރާއްޖެއަށް ގެނައުމުގެ އިންތިޒާމުތައް ވެސް އެ ކުންފުނިން ދަނީ ހަމަޖައްސަމުންނެވެ. އެފަރާތުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓަރީކޮށްފައި ވަނީ ނިސްބަތުން އެންމެ 25 އިންސައްތައެވެ. އެހެންކަމުން، އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ބޭހުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އައު ކުންފުނިން ވަނީ އަމާޒުހިފާފައެވެ.

ޢާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭޓް ފާމާއިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން، މި ޚިދުމަތް ހޯދުމަށް ޚާއްޞަ ހޮޓްލައިނެއްގެ ގޮތުގައި “1050” ވަނީ ތަޢާރަފުކޮށްފައެވެ. އާސަންދަ ސްކީމުގެ ދަށުން ކަވަރުކުރާ ބޭސްތަކުގެ އިތުރުން، އެ ސްކީމުން ނުލިބޭ ބޭސްތައް ވެސް އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ބަލިމީހުންނަށް ފޯރުކޮށްދެމުންދާކަމުގެ ޔަޤީންކަން ސްޓޭޓް ފާމަސޫޓިކަލްއިން ވަނީ ދީފައެވެ.

Leave a Reply