
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައި، ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދިވެހި ގައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ޚިދުމަތުގެ އިސް ސަފުގައި ޚިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު… pic.twitter.com/vWCdvx75l8
— Dr Mohamed Muizzu (@MMuizzu) June 20, 2026
ޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއް ކަމަށާއި އަދި އެއީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ޝެއިހް އަވަހާރަވުމަކީ ހިތާމައާއި ފުން އަސަރުތަކެއް އިޙްސާސް ކުރުވި ކަމެއް ކަމަށާއި ޝެއިހްގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހުމަތް ލެއްވުމަށްއެދި ވަނީ ދުއާ ކުރައްވާފައެވެ.
ޝެއިހް އިސްމާޢީލް މުޙައްމަދަކީ މަދީނާ ޔުނިވަސިޓީއިން ޑިގްރީ ހާސިލް ކުރި ފުރަތަމަ ދިވެހި ދަރިވަރެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ފަހަރަށް ދިން އޮނަރަރީ ޑޮކްޓަރޭޓްކަން މިދިޔަ އަހަރު ލިބިވަޑައިގެންނެވީ ވެސް އިސްމާޢީލް މުޙައްމަދަށެވެ. ޝެއިހް އިސްމާއިލް މުހައްމަދު މިހާތަނަށް ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން 40 ފޮތް ނެރުއްވާފައި ވާއިރު އަވަހާރަވި އިރު، އަމިއްލަ ހަރަދުގައި ހުޅުމާލޭގައި ދިޔައީ 2،000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރައްވަމުންނެވެ. ޝެއިހް އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































