ސިޔާސީ ޕާޓީއެއްގައި ތިބުން ޤާނޫނުން ލާޒިމުކުރާ ތިންހާސް މެންބަރުން ހަމަނުވުމުގެ ސަބަބުން، ‘ދަ ޑިމޮކްރެޓްސް’ އާއި ‘މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ’ (އެމްއެލްއެސްޑީޕީ) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ޕާޓީ އުވާލަން ނިންމީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30ވަނަ މާއްދާގެ ދަށުން މެންބަރުންގެ އަދަދު ހަމަކުރުމަށް ދިން ނޯޓިސްގެ މުއްދަތު ހަމަވިއިރު ވެސް އެކަން ކާމިޔާބުވެފައި ނުވާތީއެވެ. އެހެންކަމުން މިއަދުން ފެށިގެން މި ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރެއިން ‘ދަ ޑިމޮކްރެޓްސް’ އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކަކަށް ފަހު، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީ ރޫޅާލައްވާނެ ކަމަށް އޭރު ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ފަހުން ވަނީ އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އަނެއްކޮޅުން، ޤާނޫނީ ވަކީލު ޢަބްދުﷲ ޙަސީން އިސްވެ ހުންނަވައިގެން ވުޖޫދަށް ގެންނެވި އެމްއެލްއެސްޑީޕީގައި ކުރިން އިސް ދައުރެއް އަދާކުރެއްވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފަދަ ބޭފުޅުން ވެސް ފަހުން ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މި ދެ ޕާޓީ އުވާލުމާ އެކު ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ އަދަދަށް ވަނީ ބަދަލު އައިސްފައެވެ.

Leave a Reply