
133 ބަނގުރާ ފުޅި ހޯދައި ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެ ބިދޭސީން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި މާލޭގެ ތިން ތަނެއް ބަލައިފާސްކޮށް 133 ފުޅި ބަނގުރާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މަމްނޫރް ރަހްމާން، ބަންގްލަދޭޝް (27އ)އާއި އޮމެތަރަން ކަންދަސަމީ، އިންޑިއާ (26އ) ކަމަށް ފުލުހުން ބުނެއެވެ. މި ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އެ ދެމީހުން ވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް އިމިގްރޭޝަނާ ހަވާލުކޮށް އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































