ޒުވާނުން ބާރުވެރިކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް އެފަދައިން ޔަގީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގެ 5ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށްވާއިރު، މިކަން ހާސިލުކުރުމުގައި ހުރި އެކި ގޮންޖެހުންތައް ގިރާކޮށް، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށެވެ.

ޒުވާނުންނަކީ ގައުމު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު ހިއްސާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިގުތިސާދީ އަދި ތައުލީމީ ދާއިރާގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ވަކީން ހާއްސަކޮށް، ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުސަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްގީކޮށްދެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

އަދި އެފަދަ މަޝްރޫއުތަކަކީ ހަމައެކަނި ވެރިރަށް، މާލެއަށް ހާއްސަ ކަމަކަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ޚިދުމަތްތައް ގާއިމުކުރެވެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 2028ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު، މިފަދަ މަޝްރޫޢުތައް ހުންނާނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Leave a Reply