މިދިޔަ ބުދަ ދުވަހުގެ ރޭ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ފެތުނު “ފްރެންޑް 4” ސަޕްލައި ދޯނީގެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް މިހާތަނަށް 7400 އަށްވުރެ ބޮޑު އަކަ ނޯޓިކަލް މޭލެއްގެ ސަރަހައްދެއް ބަލައިފާސްކޮށްފައިވާކަމަށް ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން ހާމަކުރައްވައިފިއެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން 6112 އަކަ ނޯޓިކަލް މޭލު އަދި ކަނޑުގެ އުޅަނދުފަހަރުގެ އެހީގައި 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. ނަމަވެސް، މިހާ ބޮޑު ސަރަހައްދެއް ހޯދުމަށް ފަހު ވެސް ގެއްލުނު އެއްވެސް މީހެއްގެ ހިލަމެއް އަދި ވެފައިނުވާކަމަށް ސިފައިން މަޢުލޫމާތުދެއްވައެވެ.

މި ހިތާމަވެރި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ، ދޯނީގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވި ދެ އޮފިސަރުންކަމަށްވާ އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު އާއި 39 އަހަރުގެ އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން، އުޅަނދުގެ ކެޕްޓަން ކަމުގައިވާ ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.

ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ސަޕްލައި ދޯނި ދިޔަވެ، އަޑިއަށްދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ބުދަ ދުވަހުގެ ރޭ 22:40 ހާއިރުއެވެ. ދޯނި ފެތުނު ވަގުތު އޭގައި އަށް މީހުން ތިބިއިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.

Leave a Reply