
ސައްހަ ނޫން ޑޮލަރުތަކެއް ގެންގުޅުނު މައްސަލައެއްގައި ދިވެހި އަންހެނަކު ތިން މަސް ދުވަހަށް ޖަލަށްލައިފިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ދައުވާކޮށްފައިވާ އަންހެން މީހާއަކީ ގދ. ގައްދޫ، ދިލާވަރުގެ، ޝަފުރާ އަބްދުﷲއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެނގިހުރެ ސައްހަ ނޫން އެއްޗެއްގެ ތެދުކަން ދައްކަން އުޅުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުން އެނގުނު ގޮތުގައި، ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ޝަފުރާ އާއި އިތުރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު ޝަފުރާގެ ޖީބުން 100 ޑޮލަރުގެ 10 ގަނޑު (ޖުމުލަ 1000 ޑޮލަރު) ފެނިފައިވެއެވެ. އެއީ ސައްހަ ނޫން ޑޮލަރުތަކެއްކަން އެނގެއެވެ.
ޝަފުރާ ވަނީ ސައްހަ ނޫން ޑޮލަރުތަކެއް ގެންގުޅުނު ކަމަށް ދައުވާއަށް އިއުތިރާފްވެފައެވެ. އޭނާ ބުނެފައި ވަނީ ސައްހަ ނޫން ޑޮލަރުތަކެއް ހޯދީ ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށާއި ރާއްޖޭގައި ވިޔަފާރިކުރުމަށް ހޯދި ފައިސާ ކަމަށެވެ.
މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ. ކުށަށް އިއުތިރާފުވެފައިވާތީ އަދަބު އެއް ދަރަޖަ ލުއިކޮށް، 3 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފައެވެ. އަދި ޝަފުރާ ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކޮށް ހުކުމުން ތަންފީޒުކުރަން ޖެހެނީ 2 މަހާއި 5 ދުވަހުގެ މުއްދަތެކެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































