
ބޭރުގެ ކުންފުނިތަކަކަށް ވަގު ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން މަކަރާއި ހީލަތް ހެދިކަން ސާބިތުވެ 109 އަހަރުގެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުސައިން ޝިފާއުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެފިއެވެ.
ދައުލަތުގެ ފަރާތުން ޝިފާއުގެ މައްޗަށް އުފުލި 23 ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ގާޒީ ނަދީމް އިއްވެވި ހުކުމްތަކުގެ ޖުމުލަ މުއްދަތު 109 އަހަރަށް އަރާއިރު، މާލީ އަދަބެއްގެ ގޮތުން ހަތް މިލިއަން ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ. މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި މި މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ޝަރީޢަތުގެ އަޑުއެހުންތައް ފަށާނެ ސީދާ ތާރީޚެއް އެ ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ޝިފާއު އޮޅުވާލައިގެން ހޯދިކަމަށް ބެލެވޭ 123،000 އެމެރިކާ ޑޮލަރު ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެއް ނުވެއެވެ. އޭގެ ސަބަބަކީ އެ ފައިސާ މިހާރު ހުރި ތަނެއް ތަހުގީގަށް ހޯދިފައި ނުވުމެވެ. ވަގު ޓީޓީގެ މައްސަލަތަކުގައި ފުލުހުން 2021ވަނަ އަހަރު އޭނާ ހޯދުމަށް އިއުލާނުކުރުމަށް ފަހު، 2023ވަނަ އަހަރުގެ އޭޕްރީލް މަހު ހައްޔަރުކުރިއެވެ. ނަމަވެސް ބަންދުން ދޫކޮށްލުމާ އެކު ރާއްޖެއިން ބޭރަށް ފިލައިގެން ދިއުމުން، އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އޭނާ ހޯދުމުގެ މަސައްކަތްކުރިއެވެ. ފަހުން އަމިއްލައަށް ރާއްޖެ އެނބުރި އައުމާ އެކު ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































