މާތްﷲ އަށް ބިރުވެތިވެ، ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި ގިނަގިނައިން ދުޢާކޮށް ފާފަތަކުން ދުރުހެލިވުމަށް ގޮވާލައްވައި، ނަމިރާ މިސްކިތުގައި ޝައިޚް އަލީ ބިން އަބްދުއްރަޙްމާން އަލް ޚުޛައިފީ މިއަހަރުގެ ޙައްޖު ޚުޠުބާ އިއްވަވައިދެއްވައިފިއެވެ. މި މަތިވެރި ދުވަހުގެ ޚުޠުބާގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވަނީ އާޚިރަތް ދުވަހަށް ތައްޔާރުވުމުގެ ގޮތުން ތަޤުވާވެރިކަން އިސްކުރުމަށާއި، ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝިރުކުގެ ނުބައިކަމުން ސަލާމަތްވުމަށެވެ.

ޝައިޚްގެ ނަސޭހަތުގައި، ޙައްޖު ސޫރަތަށް އަލިއަޅުއްވާލައްވައި ބަޔާންކުރެއްވީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ﷲ އަށް ކިޔަމަންތެރިވުން ކަމުގައެވެ. އަދި ޝިރުކާއި ބިދުޢަތަކުން އެއްކިބާވެ، ﷲ މަތިން ހަނދުމަކުރުންމަތީ ދެމިތިބޭ މީހުންނަށް ކެތްތެރިކަން މިންވަރުކުރައްވައި، އެފަރާތްތަކުގެ ހިތްތަކަށް ހަމަޖެހުން ދެއްވައި މަތިވެރިވެގެންވާ ދަރުމަ ދެއްވާނެކަމުގެ އުފާވެރި ޚަބަރު ޚުޠުބާގައި ދެއްވިއެވެ.

އިބްރާހީމްގެފާނުގެ ޒަމާނުން ފެށިގެން ވާރުތަވަމުން އައިސްފައިވާ މި މުޤައްދަސް އަޅުކަމުގެ ތާރީޚަށް އިޝާރާތްކުރައްވަމުން، ގެފުޅުގެ ޙުރުމަތްތެރިކަން ހިފެހެއްޓުމުގެ މައްޗަށް ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެ މާތް ބިމަކީ އެންމެހާ ނުބައި އަމަލުތަކާއި، ހުތުރު ބަސްތަކުގެ އިތުރުން ޝިރުކުގެ އަމަލުތަކުން ޠާހިރުކުރެވިފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެހާ ޙައްޖުވެރިންނަށް ގޮވާލެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ޝައިޚް ވަނީ، ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރުމުގައި ޙައްޖުވެރިންގެ ވަގުތުތައް އެންމެ ހެޔޮ ގޮތުގައި ބޭނުންހިފުމަށް އިރުޝާދުދެއްވާފައެވެ. ބޭކާރު ކަންކަމުގައި ވަގުތު ނަގާނުލައި، ގިނަގިނައިން ﷲ އަށް ޒިކުރުކުރުމަށާއި، ފާފަފުއްސެވުން އެދި ދެންނެވުމުގައި މަޝްޣޫލުވެ ތިބުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

Leave a Reply