
ފެނަކަ ކޯޕަރޭޝަން ޕްރޮކިއުމަންޓް އުސޫލުތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މިންގަނޑުތަކާ އެއްގޮތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި، ކުންފުނީގެ މުވައްޒަފުންގެ ޚިޔާލު ހޯދުމަށް ދާދިފަހުން ވަނީ ޚާއްޞަ ސިމްޕޯޒިއަމްއެއް ބާއްވާފައެވެ. ފަންސާހަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި މި ބައްދަލުވުމުގައި، ބީލަންކުރުމުގެ މަރުހަލާތަކާއި، ކޮންޓްރެކްޓްތައް ހަވާލުކުރުމުގެ އިތުރުން ރެކޯޑުތައް ބެލެހެއްޓުމާއި ޝަކުވާ ހުށަހެޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ފެނަކައިން މަޢުލޫމާތު ދެއްވި ގޮތުގައި، ޢަމަލީ މައިދާނުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތަޖުރިބާގެ އަލީގައި ތައްޔާރުކުރެވޭ މި އައު ސިޔާސަތުގެ ސަބަބުން، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެއެވެ. އަދި ޕީސީބީގެ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ދީފައިވެއެވެ.
ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމަށް މިފަދަ ބޮޑު ބަދަލެއް ގެންނަން ނިންމާފައި ވަނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ޚާއްޞަ އޮޑިޓް ރިޕޯޓަކުން ކަންބޮޑުވާފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަޙުޤީޤުކުރުމަށް ފުލުހުންނާއި އޭސީސީއަށް ފޮނުވުމަށާއި، ޕްރޮކިއުމަންޓް އުސޫލުތައް އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިމަހުގެ 11ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.
އޮޑިޓް ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2021އިން ފެށިގެން 2023ގެ ނިޔަލަށް 2.23 ބިލިއަން ރުފިޔާގެ އަގުހުރި 673 މަޝްރޫޢެއް ހަވާލުކޮށްފައިވެއެވެ. މީގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ އަގުހުރި 438 އެއްބަސްވުމެއްވެފައި ވަނީ އާންމުކޮށް ހުޅުވާލައިގެން ބީލަންކުރުމުގެ އުސޫލާ ކަނޑައެޅިގެން ޚިލާފަށެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































