
މޯލްޑިވްސް އިމިގްރޭޝަނުން ބ. ދަރަވަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބަދަލާ އެކު ބާ އަތޮޅުގެ ރައްޔިތުންނަށް “އިމުގާ” ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، ޕާސްޕޯޓާ ހަވާލުވާނެ މަރުކަޒެއްގެ ގޮތުގައި އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް މިހާރު އިޚުތިޔާރު ކުރެވޭނެއެވެ. މިކަމުގެ ސަބަބުން، ޕާސްޕޯޓު ހެއްދުމުގެ ބޭނުމުގައި ވެރިރަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ރައްޔިތުންގެ ވަގުތާއި ފައިސާ ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެއެވެ.
ބ.ދަރަވަންދޫގައި މިއަދު ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވުނު ހާއްސަ ހަފްލާގެ ތެރެއިން. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދު. މި ހަފްލާގައި ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ… pic.twitter.com/PT4szBvYyk
— Maldives Immigration (@ImmigrationMV) June 21, 2026
ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ފަސޭހަކަމާ އެކު އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން، މުޅި ރާއްޖެއަށް މި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ފެށި ބޮޑު މަޝްރޫޢު ވަނީ، ކަނޑައެޅިފައިވާ ތާވަލަށްވުރެ ތިން މަސް ދުވަސް ކުރިން ކާމިޔާބުކަމާ އެކު ނިންމާލާފައެވެ.
މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ މަސައްކަތް ފާއިތުވި ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު ވަނީ ފަށާފައެވެ. އަދި އަތޮޅުތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ބ. އަތޮޅަށް ޚާއްޞަ އިމިގްރޭޝަން އޮފީހެއް އޭދަފުށީގައި ހުޅުވާފައިވަނީ ނިމިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































