ފަރަންސޭސި ވިލާތުގެ މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިއްޔެ ފަރަންސޭސިވިލާތުގެ އިރުމަތީ ސަރަހައްދުގައި ހިނގި އެ ހާދިސާގައި ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފަސް ދަރިވަރެއް ވެސް ހިމެނެއެވެ.

އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު، ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯންއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ މަތިންދާބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ހަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށެވެ.

އަދި  ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރެއްވިއެވެ.

އޭގެ އިތުރުން އެ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ތަހުގީގުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް، އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.