
އެލްނީނޯގެ ސަބަބުން ދިވެހިރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށްވުރެ މައްޗަށް ގޮސްފައިވާތީ، ގަދަ ހޫނުން ރައްކާތެރިވެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު މެންދުރު ބާރަ ޖެހިއިރު މާލެ ސަރަޙައްދަށް އިޙުސާސްކުރެވޭ ހޫނުމިން ހުރީ ތެއްތިރީސް ޑިގްރީގައެވެ. މިގޮތަށް ރާއްޖޭގެ މާޙައުލު ހޫނުވަމުންދަނީ ޕެސިފިކް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކަމަށްވާ “އެލްނީނޯ”ގެ ބާރުގަދަވަމުން ދިޔުމާ ގުޅިގެންނެވެ. އެހެންކަމުން، މިދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށްވުރެ މަތީގައި ހުންނާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މާބޮޑަށް ހޫނުވުމުގެ ސަބަބުން އާންމު ޞިއްޙަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، ހަށިގަނޑުން މާގިނައިން ފެން ބޭރުވެ ވަރުބަލިވުމާއި، ބޯއެނބުރުމާއި، ލޮލަށް އުނދަގޫވުމުގެ އިތުރުން ގައިކަހައި ހިރުވުން ފަދަ ކަންކަން ހިމެނޭކަމަށް އެޗްޕީއޭއިން ބަޔާންކުރެއެވެ. ޚާއްޞަކޮށް ހިތާއި، ފުއްޕާމޭ އަދި ގުރުދާގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ބަލި ޙާލަތު ގޯސްވުމުގެ ފުރުޞަތު ބޮޑުކަމަށާއި، އެފަދަ ކަމެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިރުޝާދުދީފައެވެ.
މިފަދަ ދުވަސްވަރެއްގައި ދިމާވާ އެންމެ ނުރައްކާތެރި އެއް މައްސަލައަކީ “ހީޓް ސްޓްރޯކް” ޖެހުމެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން ސާޅީސް ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސް، އަމިއްލައަށް ހަށިގަނޑު ފިނިކުރުމުގެ ނިޒާމު މަސައްކަތްކުރުން ހުއްޓުމުން މެދުވެރިވާ ނުރައްކާތެރި ޙާލަތެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ރަތްވެ ހޫނުވުމާއި، ވިންދު އަވަސްވުމުގެ އިތުރުން ހޭނެތުން ހިމެނޭއިރު، މިއީ ފުރާނައަށް ނުރައްކާވެ، ވަގުތުން ޞިއްޙީ ފަރުވާ ބޭނުންވާނެ ކަމެކެވެ. އެފަދަ އަލާމާތެއް ފެނިއްޖެނަމަ، ބަލިމީހާ ފިނި ނުވަތަ އޭސީކޮށްފައިވާ ތަނަކަށް ބަދަލުކޮށް ވީއެންމެ އަވަހަކަށް އެމަޖެންސީ ފަރުވާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހިނގަމުންމިދާ ސެޕްޓެންބަރު މަހު ވެސް ހިމެނޭހެން ޖެހިޖެހިގެން ތިން މަސް ދުވަހު ރާއްޖޭގެ ހޫނުމިން އާދަޔާޚިލާފަށް މަތިވާނެކަމަށް މެޓް އޮފީހުން ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ހާމަކޮށްފައެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































