
ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، އެކަމަނާ އަދާކުރައްވަމުން ގެންދެވި މަގާމުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ސަރުކާރުގެ ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެކަމަނާ މަގާމުން ދުރަށްޖެހިވަޑައިގެންފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ޑރ. މާރިޔާ މީގެ ކުރިން ވަނީ، ރާއްޖޭގެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދެމުން އަންނަ ކާޅާއި ވާ ފަދަ ތަކެތި މަރައި ނައްތައިލުމުގެ ބަދަލުގައި، އެ ތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އެކަމަނާގެ މި ވާހަކަފުޅާ ގުޅިގެން އާންމުންނާއި ދަނޑުވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ސޯޝަލް މީޑިއާގައި އަމާޒުވެގެން ދިޔައެވެ. މިއީ ސަރުކާރުގެ އިސް މަގާމަކުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޭފުޅަކު ވަކިވެވަޑައިގެންނެވި އިތުރު ފަހަރެކެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































