ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ލިބެން ޖެހޭ 30މިލިއަން ރުފިޔާ ނުލިބޭކަމަށް އޮޑީޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު އާންމުކުރި 2024ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި 2023ވަނަ އަހަރުގެ އެ ކޮމިޝަންގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްއާ ހަވާލާދީ ބުނީ ކޮމިޝަންއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެ އަހަރުގެ ނިޔަލަށް 30.6މިލިއަން ރުފިޔާ ނުލިބި ހުރި ފައިސާގެ ގޮތުގައި ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް ބްރޯޑްކޮމްގެ 2024ވަނަ އަހަރުގެ މާލީ ބަޔާންތައް ހިމަނައިގެން ތައްޔާރުކުރަންޖެހޭ އަހަރީ ރިޕޯޓު ތައްޔާރުކޮށްފައި ނެތުމުންނާއި ކޮމިޝަނުގެ ސާވާއަށް މައްސަލައެއް ދިމާވެ ސާވާގައި ހުރި ލިޔުންތައް ސާވާ އިން ނެނގޭނެ ގޮތެއް ނެތުމުގެ ސަބަބުން 2024ގެ ނިޔަލަށް ކޮމިޝަނުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ހިސާބު ތައްޔާރުކުރެވެން ނެތް ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި ފިނޭންސް މިނިސްޓްރީން ބަލަހައްޓާ ސެޕް ސިސްޓަމްގެ ތެރެއިން ފެންނަން ހުރި ހިސާބުތަކުން 2024ވަނަ އަހަރު ބްރޯޑްކޮމްއަށް 7.5މިލިއަން ރުފިޔާ ލިބުނު ކަމަށް ދެއްކި ނަމަވެސް ލިބެން ޖެހޭ ފައިސާގެ ރެކޯޑްތައް ފުރިހަމައަށް ބަލަަހައްޓާފައި ނުވާތީ 2023ގެ ނިޔަލަށް ލިބެން ޖެހޭ 30.6މިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ލިބުނުކަން ސީދާ އެނގެން ނެތްކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ދިން ލަފާގައި ވަނީ ފައިސާއާ ގުޅޭ މުހިންމު ލިޔުންތައް ނުގެއްލި ރައްކާކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި އަދި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ލިބެން ޖެހޭ ފައިސާ ހޯދަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.

Leave a Reply