ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ސައޫދީ އަރަބިއްޔާގެ މައްކާގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލުއަޙުވާލު ގާތުން އޮޅުންފިލުއްވުމުގެ ގޮތުން އެ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދޭ ގޮތުގައި، ދިވެހިރާއްޖޭގެ ފަރާތުން ޙައްޖަށް ގޮސްތިބި އެންމެހާ ފަރާތްތަކުގެ ކަންކަން އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ވަޒީރު ސަޢީދު ގެންދަވަނީ ބައްލަވަމުންނެވެ. މިގޮތުން ޙައްޖުވެރިންނާ ބައްދަލުކުރައްވައި، އެމީހުންގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާއި ފޯރުކޮށްދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ދިވެހިންނަށް ދީނީ ގޮތުން އިރުޝާދު ދެއްވުމަށް އެންމެ އިސް ޝެއިޚެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިންއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ފުރި ހުރިހާ މީހުންވެސް މިހާރު މައްކާއަށް ގޮސްފައިވާއިރު، އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ. އަދި ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، މިފަހަރުގެ ޙައްޖު ދަތުރުގެ އެންމެހާ ކަންކަން މާ ފުރިހަމައަށް އިންތިޒާމުކުރެވިފައިވާކަން ޙައްޖު ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply