މަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ސާކް އެގްރިކަލްޗާ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަހައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރުމަށް ސާކް ގައުމުތަކުގެ މެދުގައި ނިންމައިފިއެވެ.

އެ ނިންމުން ނިންމާފައިވަނީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި ސަރަޙައްދީ އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބްއެވެ.

އެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، އައިޔޫޔޫ ފިޝިންގ (ގާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް އަދި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން)އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ތިމާވެށީގެ ނިޒާމުތައް ހަލާކުވުން ފަދަ އާންމުކޮށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ގުޅިފައިވާ މަގުޗާޓެއް އެކުލަވާލުމަށް ހިޔާލު ބަދަލުކުރުމަށެވެ.

އަދި މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރުމަށް އެންމެންގެ ނިންމުމެއް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި، މާކެޓަށް ވަނުމުގެ ފުރުސަތުތަކާއި، ކާބޯތަކެތީގެ ޔަގީންކަމާއި ބެހޭގޮތުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް،ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮސްފައިވެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް އިންތިހާއަށް ބޭނުންވެފައިވާކަން އެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކަށް ހާއްސަކޮށްގެން ކޮންމެ ގައުމަކަށް ހާއްސަ އެކްޝަން ޕްލޭންތަކެއް އެކުލަވާލުމާއެކު، މައިގަނޑު ގޮންޖެހުންތަކާއި ސްޓްރެޓީޖިކް ލަފާތައް ހިމެނޭ ސަރަޙައްދީ ރިޕޯޓެއް އެކުލަވާލުމުގެ ބިންގާ ވަނީ އަޅާފައެވެ.

Leave a Reply