ފުލުހެއްގެ އަނގަމަތި ފަޅާލާނެކަމުގެ އިންޒާރު ދިން މީހަކު 28،800ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ތ. ތިމަރަފުށީ ކޯޓުން އެ ހުކުމް އިއްވީ ނ. މިލަދޫ/ނިޝާން، މުހައްމަދު ހުމާމް އަބޫބަކުރުގެ މައްޗަށެވެ.

ހުކުމްގައި ބުނެފައިވާ ގޮތުން ހުމާމް ބިރު ދެއްކީ ތ. ތިމަރަފުށީގައި ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން އެ ތަނުގައި ސެކިއުރިޓީ ބަލަހައްޓަން އުޅުނު ފުލުހަކަށެވެ.

އެގޮތުން މެޗު ހޫނުވެ ފުލުސް މީހާގެ އަނގަމަތި ފަޅާލާނެކަމަށް ހުމާމް ބުނެފައިވާތީ އޭނާގެ މައްޗަށް ދައުވާކުރި އެވެ. ނަމަވެސް ހުމާމް ވަނީ ތުހުމަތަށް އިންކާރުކޮށްފައެވެ.

އެ މައްސަލަ ހުމާމްގެ މައްޗަށް ސާބިތުވެ އޭނާ ހަތަރު މަހާއި 24ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅެން އޮތް ނަމަވެސް ހުމާމްގެ ކުށުގެ ރެކޯޑްއެއް ނެތުމާއި އަދި އަދަބު ލުއިކޮށްދޭން ހުމާމް އެދުމުން ގާޒީ ހުކުމްކުރީ 28،800ރުފިޔާއިން ޖޫރިމަނާ ކުުރުމަށެވެ.

އަދި އެ ފައިސާ ހަ މަސް ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

Leave a Reply