
މިދިޔަ ޖޫން މަހުގެ 11ވަނަ ދުވަހު ރަސްމީ ޑިއުޓީގައި ހުއްޓާ ގެއްލުނު ފުލުސް އޮފިސަރުގެ ހަށިގަނޑު ކަނޑުއަޑިން ހޯދައި ނެގުމުގެ އޮޕަރޭޝަނުގައި އަމިއްލައަށް އިސްނަގައިގެން އެހީތެރިވެދިން ދެ ޑައިވަރުންނަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ފޯނުން ގުޅުއްވައި ހާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.
ފަތިހުގެ ވަގުތެއްގައި ފުލުހުންގެ ލޯންޗު 57ގައި މަސައްކަތްކުރަމުން ދަނިކޮށް ގެއްލުނު އޮފިސަރު ހޯދުމުގެ މަސައްކަތުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވެފައިވަނީ ކ. ގާފަރު، ބްލޫހެވަން، އަޙްމަދު ފައިޞަލް އަދި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ. މި ދެ ފަރާތަށް ވަކިވަކިން ގުޅުއްވައި، މިނިސްޓަރާއި ސީޕީ ވަނީ އެބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ދިވެހި ފުލުހުންގެ މުއައްސަސާގެ ނަމުގައި އެ ފަރާތްތަކުން ކޮށްދިން ބުރަ އަދި ނާޒުކު މަސައްކަތަށް ސާބަސް ދެއްވާފައެވެ.
ހިތާމަވެރި މިފަދަ ހާދިސާތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި ސަލާމަތީ ބާރުތަކާއެކު އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ މުޅި މުޖުތަމައުން ފެނިގެންދާ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ ވަރަށް ފުރިހަމަ ނަމޫނާއެއްކަން އެ ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގައި ދައުލަތުގެ މުއައްސަސާތަކާއި އާންމު ފަރުދުންގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރާއި ކޮމިޝަނަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































