ދިވެހި ތަރިކައާ ގުޅޭ ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން މިއަދު ހުޅުވާލައިފި އެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނީ މިއީ ދިވެހި ތަރިކައަށް ހާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކުރެވިގެން ހުޅުވާލެވޭ “ސިގްނޭޗާ ރިސާޗް ސްކޮލާޝިޕް” އެއް ކަމަށާއި އެ ސްކޮލަޝިޕްގެ ދަށުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ މާސްޓާސް ޑިގްރީއެއް ހާސިލުކުރެވޭނެ ކަމަށެވެ.

އިނގިރޭސި ބަހުން ކިޔަވައިދޭ އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ސްކޮލާޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ފުންކޮށް ދަސްކުރުމުގެ ފުރުސަތާއެކު ތަރިކައިގެ ދާއިރާގެ އިލްމީ އަދި ދިރާސީ ފޮތްތައް ޝާއިއުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުންޏެވެ.

އެ ސްކޮލާޝިޕްގެ ދަށުން ރިސާޗު މަސައްކަތުގައި ކޮންމެ މަހަކު އެއްފަހަރު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގައި ދާއިރާގެ މަސައްކަތްކުރަން ޖެހޭނެއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނީ އެ ސްކޮލާޝިޕްގައި ދިރާސާކުރާ މައުލޫ ކަނޑައަޅާނީ އެ މަރުކަޒުން ކަމަށެވެ.

Leave a Reply