މަދަނީ ޖަމުޢިއްޔާތަކަށް ދޫކުރާ މާލީ އެހީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ރާއްޖޭގެ މަދަނީ ޖަމުޢިއްޔާތަކަށް ދޫކުރާ ޚާއްޞަ މާލީ އެހީއަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.

“ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް” މަޝްރޫޢުގެ ތެރެއިން ދޫކުރާ މި ފައިސާގެ އެހީ މައިގަނޑު ގޮތެއްގައި ބަހާލެވިފައި ވަނީ ދެ ދާއިރާއަކަށެވެ. އެގޮތުން، ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް 1،156،500 ރުފިޔާއާ ހަމައަށް ފަންޑު ހަމަޖެހިފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް 925،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ލިބޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން އިސްރަށްވެހިންގެ ލާބައަށް މަސައްކަތްކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލެވިފައިވީ ނަމަވެސް، ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ މަޝްރޫޢުތަކަށް ފައިސާ ދޫކުރަން ހަމަޖެހިފައި ވަނީ ހަމައެކަނި މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ރ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާތަކަށެވެ. މީގެ އިތުރުން މި ފުރުޞަތު ދެނީ ޖަމުޢިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން، ޤަވާއިދާ އެއްގޮތަށް ހިންގަމުން އަންނަ މަދަނީ ޖަމާޢަތްތަކަށް އެކަންޏެވެ.

މި މާލީ އެހީގެ އެންމެ ބޮޑު އަމާޒަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026) އަދި އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)ގައި ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތަކަށް ވާސިލުވުމެވެ. މިކަން ކާމިޔާބުކުރުމަށްޓަކައި، އެހެނިހެން ޖަމުޢިއްޔާތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން ޕާޓްނަރޝިޕް އުސޫލުން އައު މަޝްރޫޢުތައް ފަރުމާކޮށް ހިންގުމަށް ވުޒާރާއިން ބާރުއަޅައެވެ.

Leave a Reply