
ކުރީ ސަރުކާރުގެ ދުވަސްވަރު 2022އިން 2024އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައާއި މަސައްކަތްތައް ހަވާލުކުރުމުގައި، މާކެޓު އަގަށްވުރެ އެތައް މިލިއަން ރުފިޔާއެއް ބޮޑުކޮށް ޚަރަދުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އެ އިދާރާއިން އާންމުކުރި ރިޕޯޓުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ 14 ކަމެއް ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދައުލަތަށް ގެއްލުންވާ ގޮތަށް، ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ނުއަގުގައި މުދާ ހޯދުމާއި ޚިދުމަތްތައް ހޯދާފައިވާ މައްސަލަތަކެވެ.
އޮޑިޓްގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލެބޯޓަރީއަށް ބޭނުންވާ ސާމާނު ހޯދުމުގައި ހިންގާފައިވާ އާދަޔާޚިލާފު އިސްރާފެވެ. އެގޮތުން، އެންމެ 34،000 ރުފިޔާއަށް ލިބެންހުރި އައިޓަމަކަށް 1.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން، އާންމު ކޮންސިއުމަބަލްސްގެ ގޮތުގައި 3،083،388 ރުފިޔާގެ ތަކެތި ގަނެފައިވާއިރު، އެއީ މާކެޓު އަގަށްވުރެ 2،083،966 ރުފިޔާ ބޮޑު އަދަދެކެވެ. ހަމައެހެންމެ، މެޑިކަލް ކޮންސިއުމަބަލްސްގެ 23 އައިޓަމަކަށް ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ (1،964،971 ރުފިޔާ) ޚަރަދުކުރިއިރު، އެއީ ވެސް ބާޒާރުމަތީ އަގަށްވުރެ 948،511 ރުފިޔާ ބޮޑުކޮށް ކޮށްފައިވާ ޚަރަދެކެވެ. މިއީ ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއްކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.
މުދާ ގަތުމުގެ އިތުރުން، މަސައްކަތްތައް ކުރުވުމުގައި ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވެއެވެ. ހޮސްޕިޓަލުގެ ބޭރުގައި ތަށިމުށި ޖެހުމަށް އެންމެ ކުޑައަގު ހުށަހެޅި ފަރާތް ބާތިލުކުރުމަށް ފަހު، އެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރީ އަންދާޒާކުރި އަގަށްވުރެ 1 މިލިއަން ރުފިޔާ ބޮޑުކޮށެވެ. އަދި އޭސީ ޑަކްޓާއި ސެޕްޓިކް އޯޓީ މަރާމާތުކުރުމަށް ބަޖެޓުކުރި އަދަދަށްވުރެ 173،189 ރުފިޔާ އިތުރަށް ދީފައިވެއެވެ.
މީގެ އިތުރުން، އާ ވޭނެއް ގަތުމަށް ކުރިން ވެފައިވާ އެއްބަސްވުން އުވާލައި، އިއުލާނުކުރުމެއް ނެތި އެހެން ފަރާތަކުން 583،000 ރުފިޔާ ބޮޑުކޮށް ވޭނެއް ގަނެފައިވާއިރު، ހޮސްޕިޓަލުން އެއްވެސް ބޭނުމެއް ނުކުރާ ތިން ކޮޓަރިއަކަށް ކުލީގެ ގޮތުގައި 165،000 ރުފިޔާ ދައްކާފައިވާކަން ވެސް ވަނީ ފަޅާއަރާފައެވެ.
ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލުވެ، ހިންގާފައިވާ މި އަމަލުތަކާ ގުޅިގެން އޮޑިޓަރ ޖެނެރަލް ވަނީ ހަރުކަށި އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، މާލިއްޔަތު ޤަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށާއި، ކުރިމަގުގައި މިފަދަ ކަންކަން ތަކުރާރު ނުވާނެހެން ހޮސްޕިޓަލުގެ މާލީ އުސޫލުތައް ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަށް ވަނީ އަންގަވާފައެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































