
އައްޑޫ ސިޓީއާ 1،245 ކިލޯމީޓަރު ދުރުން، އިންޑިއާ ކަނޑުގެ މެދުތެރޭގައިވާ ސަރަހައްދަކަށް މިއަދު ހަވީރު 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައި ނަމަވެސް، މީގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިޑް އިންޑިއަން ރިޖް ކިޔާ ސަރަހައްދަށް މި ބިންހެލުން އައިސްފައި ވަނީ މިއަދު ހަވީރު 4:28 ގައެވެ. މި ހާދިސާއާ ގުޅިގެން ރާއްޖެއަށް ސުނާމީއެއްގެ ނުރައްކާ ނެތްކަން އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ބިންހެލުން އުފެދުނު ކަނޑުއަޑީގެ ފަރުބަދަ ސިލްސިލާ ކަމަށްވާ ‘މިޑް އިންޑިއަން ރިޖް’އަކީ އެފްރިކާ ބައްރުގެ ޕްލޭޓާއި އިންޑޯ-އޮސްޓްރޭލިއާގެ ޕްލޭޓް ދުރުވަމުންދާ (ޑައިވާޖަންޓް ޕްލޭޓް ބައުންޑަރީ) ހިސާބުގައި އުފެދިފައިވާ، ބިންހެލުންތައް އާންމުކޮށް އަންނަ ދިރުންހުރި ސަރަހައްދެކެވެ.
މިފަދަ ހާދިސާއެއް މިއަދު ހިނގާފައިވާއިރު، ފާއިތުވި ހަފުތާގެ ބުދަ ދުވަހު ވެސް ވަނީ އައްޑޫ ސިޓީއާ 833 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސް ރަށްތަކުގެ ސަރަހައްދަށް ބިންހެލުމެއް އައިސްފައެވެ. ނަމަވެސް އެފަހަރު ވެސް ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































