އިގުތިސާދު ހަރުދަނާކޮށް މަސައްކަތުގެ އަހުލާގު ކުރިއެރުވުމަށް، ކުންފުނިތައް އެންމެ ރަނގަޅު މިންގަނޑަކަށް ބަދަލުކޮށް ޕޭ ހާމަނައިޒްކުރުން މުހިންމުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެ މޭރުމުން ވިދާޅުވީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޕޭ ހާމަނައިޒްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދަކީ، އެ ކުންފުންޏަކަށް އެންމެ އެކަށީގެންވާ އަދަދުކަމުގައި ކަށަވަރު ކުރުމަށް ގައުމީ ފެނަވަރުގައި އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒްކުރައްވާ އެންމެ މުހިންމު މަގުސަދުތަކުގެ ތެރޭގައި، ގެއަށް ގެންދަން ލިބޭ އާމްދަނީގެ މިންވަރު ބޮޑުކުރުމާއި، މަސައްކަތުގެ އަހުލާގު ހަރުދަނާކުރުން ހިމެނޭކަމުގައެވެ.

އަދި އިގުތިސޯދު ހަރުދަނާކުރުންވެސް އެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕޭ ހާމަނައިޒޭޝަނާ ގުޅުންހުރި ކަންކަން ތަންފީޒުވަމުންދާއިރު، ވަކިވަކީން ރިއާޔަތްކުރަންޖެހޭ ކޭސްތައްވެސް އެބަހުރިކަމަށާއި އެކަންކަން އެގޮތުގައި ބައްލަވައިގެން ކުރިއަށްގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރެވޭ މަސައްކަތްތަކަކީ އަހުލާގީ ގޮތުން ވަކި ހަމަތަކަކާއި ފެންވަރެއް ހިފެހެއްޓުމަށް ކުރެވޭ ކަމެއްކަމަށާއި އެކަމުގެ ސަބަބުން ހަރަދުތަކެއްވެސް ކުޑަކުރެވިގެންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަންކަން އެފަދައިން ކުރެއްވުމަކީ، ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާފައެވެ.

ސަރުކާރުން އަޅުއްވަމުން ގެންދަވާ މިފަދަ ފިޔަވަޅުތަކަކީ، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތަކަށް ވާއިރު، ބޭރުގެ ގައުމުތަކަށް ރާއްޖެއިން ދައްކަންޖެހޭ ދަރަނި ދައްކާ ޚަލާސްކުރުމަކީވެސް ނުހަނު މުހިންމު، އަދި ފަރުދީ ފެންވަރެއްގައި ރައްޔިތުންނާ ގުޅިފައި އޮންނަކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Leave a Reply