އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރުމުގެ އެންމެ މުހިންމު ތަނބަކީ ޞިއްޙީ ޚިދުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިތުރު ނުވަ ޤައުމެއްގެ ޞިއްޙީ މާހިރުންނާއެކު ފެށި “3 ވަނަ އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026” ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ޞިއްޙީ ފަރުވާއަކީ ހަމައެކަނި އާންމު ޚިދުމަތެއް ކަމުގައި ނުބެލެވޭނެއެވެ. އޭގެ ބަދަލުގައި އެއީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ކުރިމަގުގެ ތަރައްޤީއާ ގުޅިފައިވާ ކަމެއްކަން ބަޔާންކުރައްވަމުން، ޞިއްޙީ ގޮތުން ދުޅަހެޔޮ ބަޔަކު ނެތް ޤައުމަކަށް ކުރިއެރުން ނުލިބޭނެކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި މިފަދަ ބައިނަލްއަޤުވާމީ ބައްދަލުވުންތަކަކީ ދާއިރާގެ މަސައްކަތްތެރިން އެއްތަންވެ، ބިނާކުރަނިވި ޚިޔާލު ބަދަލުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބޭސްފަރުވާގެ ނިޒާމަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާ އެއްވަރަށް ދިވެހިރާއްޖެއިން ވެސް ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ޞިއްޙީ ޚިދުމަތަކީ މުއްސަނދިކަމުގެ ރަމްޒެއް ނޫންކަމަށާއި، އެއީ ކޮންމެ ރައްޔިތަކަށްމެ ފަސޭހައިން ލިބެންޖެހޭ އަސާސީ ޙައްޤެއްކަމަށް ވިދާޅުވިއެވެ. މިގޮތުން އިންސާނީ ވަސީލަތްތައް ބިނާކުރުމާއި، ޢުމްރާނީ ތަރައްޤީއާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެކަމަނާ ހާމަކުރެއްވިއެވެ.

ބަލިމީހުންނަށް ފަރުވާދިނުމުގެ މަރުޙަލާގައި ޞިއްޙީ އެހީތެރިން، ޚާއްޞަކޮށް ނަރުހުން އަދާކުރާ ބުރަ އަދި މުހިންމު ދައުރަށް ފަސްޓް ލޭޑީ ތަޢުރީފުކުރެއްވިއެވެ. ނަރުހުންނަކީ ބަލިމީހާއާއި އާއިލާއާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވިއެވެ.

ނިންމަވާލައްވަމުން އެކަމަނާ ވަނީ، މި ކޮންފަރެންސްގެ ތެރެއިން ކުރެވޭ އިލްމީ ދިރާސާތަކާއި މަޝްވަރާތަކުގެ އަލީގައި، ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ހުރިހާ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

Leave a Reply