
ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ދިހަ ރަށެއްގައި ޚާއްޞަ ނާސަރީތަކެއް ބިނާކުރުމަށްޓަކައި ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ރަށްރަށުގެ ކައުންސިލްތަކާ އެކު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގައި އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށަކަށްމެ ނާސަރީއެއް ޤާއިމުކުރުމަށް ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީ ލިބިފައިވާ ރަށްތަކަކީ ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލި، ތ. ކިނބިދޫ، ތިނަދޫ ސިޓީ އަދި ގއ. ދާންދޫއެވެ. މި ނާސަރީތަކުގައި އިންދާ ބޮޑުކުރާ ގަސްތައް، އެ ރަށްރަށުގެ އިތުރުން ކައިރީގައިވާ އެހެނިހެން ސަރަޙައްދުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަށް ރަށްތައް ކަނޑައަޅާފައިވަނީ މަދުވެގެން ފަސްހާސް އަކަފޫޓުގެ ބިމެއް ނާސަރީއަށް ޚާއްޞަކުރެވިފައިވާ، އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި އެކަން ހިމަނާފައިވާ ރަށްތަކަށެވެ. މީގެ އިތުރުން ގަސް ހެއްދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ރަށްތަކަށް އިސްކަންދީފައިވާނެކަމަށާއި، މި ފައިސާ ޙަވާލުކުރެވޭތާ ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީތައް ބިނާކޮށް ނިންމަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މުޅި ރާއްޖެއަށް މި މަސައްކަތް ފުޅާކުރުމުގެ ފެށުންކަމުގައިވެސް ވަޒީރު ސިފަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތައް ދިރުވައި، ރަށްތަކުގެ ފެހިކަން އިތުރުކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ. މިހާތަނަށް އައިއިރު މުޅި އެކު 1.6 މިލިއަން ގަސް އިންދިފައިވާއިރު، މިއަހަރުގެ މިހާތަނަށް ވަނީ ހަ ލައްކަ ގަސް އިންދާފައެވެ. ރިޔާސީ ބަޔާނުގައި މިއަހަރަށް ކަނޑައެޅުއްވި އެއް މިލިއަން ގަސް އިންދުމުގެ އަމާޒު، އަހަރު ނިމުމުގެ ކުރިން ޙާޞިލުކުރެވޭނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































