ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހަރަދު ކުރުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި އެއްވެސް ހަތަރެއް ކުރުން ރަނގަޅަށް ނޫން ކަމަށެވެ.

“އުމްރާނީ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ހުއްޓާލަން ޖެހޭ,” އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތައް އެ ރަށެއްގެ ކައުންސިލާ ހަވާލުކޮށް ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކައި އެ މަސައްކަތް ނިންމި ދާނެ ކަމަށެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ ދަރަނިތައް ދައްކައި ނިމެންދެން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ގޮވާލައްވައިފައެވެ.

ނަމަވެސް ސަރުކާރުން މިހާރު ވަނީ މިއަހަރު ދައްކަން ޖެހޭ ދަރަނިތަކުގެ ތެރެއިން 500 މިލިއަން ޑޮލަރުގެ ސްކޫކާއި 500 މިލިއަން ޑޮލަރުގެ އިންޑިއާގެ ކަރަންސީ ސްވޮޕްގެ ދަރަނި ވެސް ދައްކައިފާ ނިންމާފައެވެ.

Leave a Reply