
މި އަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގެ އިތުރުން ހަތަރު މައިދާނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ނިންމަވައިފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައަޅާފައިވާ ހަތަރު ސަރަހައްދަކީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދު، ވިލިމާލޭގެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އޮންނަ ސިންތެޓިކް ޓްރެކް އަދި ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނި ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް އޮންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.
ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00 ގައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވާ ބޮޑު ޖަމާޢަތުގައި މިއަހަރު އިމާމުވެ ނަމާދުކުރާނީ ޒުވާން ޚަޠީބުންގެ ތެރޭގައި ހިމެނޭ އަލްޙާފިޡް މުޙައްމަދު ހަނޫން ޙުސައިންއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށުގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރަމުން އައި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ޖަމާޢަތް ނުހެދޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ވެސް ޢީދު ނަމާދުކުރުން ކުރިއަށްދާނެއެވެ.
މާލެ ސަރަހައްދުން ޢީދު ނަމާދުކުރުމަށް ކަނޑައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ މަސްޖިދުއް ސަލާމް ހިމެނެއެވެ. މާލޭގައި ނަމާދުކުރާނެ މިސްކިތްތަކަކީ ފުރުޤާން މިސްކިތް، ނޫރު މިސްކިތް، ޝަހީދު ޢަލީ މިސްކިތް، ޠައިބާ މިސްކިތް، ދުބުރި މިސްކިތް، ފަނޑިޔާރު މިސްކިތް، ބަންޑާރަ މިސްކިތް، ޞަލާޙުއްދީން މިސްކިތް، ޖަލާލުއްދީން މިސްކިތް، އިބްރާހީމް މިސްކިތް، އިސްކަންދަރު މިސްކިތް، ޔޫސުފުލް ބަރުބަރީ މިސްކިތް، ރަން މިސްކިތް، ފައިފުހޭ މިސްކިތް އަދި މާފަންނު އާ މިސްކިތެވެ. ހުޅުމާލޭގައި ނަމާދުކުރާނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދީޤާ، މަސްޖިދުލްވާލިދައިނި، މަސްޖިދުލް ޙަސަން އާދަމް އަދި މަސްޖިދު އުޘްމާން ބިން ޢައްފާންގައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































