އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝައްމާން ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގ އާއި ކޮރަޕްޝަންގެ ދައުވާތަކުގެ ހުކުމް އިއްވުން މިއަދު ހަވީރު 4:00 އަށް ތާވަލުކޮށްފިއެވެ.

މީގެ ކުރިން ޝައްމާންގެ އެދިވަޑައިގަތުމަކަށް ފަސްކުރެވިފައިވާ މި ޝަރީއަތް، އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށްތަކަކީ ފޭރުމުގައި ބައިވެރިވުމާއި، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ. ނަމަވެސް ޝަރުޢީ މަރުޙަލާގައި ޝައްމާން ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކުރައްވާފައެވެ.

މި މައްސަލައިގައި އޭނާ އިމިގްރޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވިއިރު ބިދޭސީއެއްގެ އަތުން ބައި މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. އެ ބިދޭސީންގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހުން ބަންދުން ދޫކޮށްފައިވެއެވެ. އަދި އެގޮތަށް ހޯދި ފައިސާގެ ތެރެއިން ބައެއް އޭނާގެ އަމިއްލަ ބޭނުންތަކަށް ޖަމާކޮށް، އަނެއްބައިން ސްޓޫޑެންޓް ލޯނެއް ޚަލާޞްކޮށްފައިވާ ކަމަށް ދައުލަތުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މި ތުހުމަތުތަކުން ދިފާޢުވުމަށްޓަކައި ޝައްމާންގެ ފަރާތުން އޭނާގެ އަނބިމީހާއާއި މައިންބަފައިން ވަނީ ކޯޓަށް ހާޒިރުވެ ހެކިބަސް ދީފައެވެ. ދިފާޢީ ހެކިންގެ ގޮތުގައި އެ ފަރާތްތަކުން ބުނެފައި ވަނީ، ލޯނު ދައްކަން ބޭނުންކުރީ އޭނާގެ ބައްޕަ ދިން ފައިސާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޝައްމާނާ އެކު މި މައްސަލައިގައި ހައްޔަރުކުރެވުނު އެހެން ފަރާތްތަކުން ވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުންތަކެއް ގާއިމުކޮށް، އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން، މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝައްމާން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށް ފަހު ފާއިތުވި ޑިސެންބަރު މަހުގެ 25ވަނަ ދުވަހު އޭނާ ވަނީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލާފައެވެ. މިނިވަންވި ފަހުން އޭނާ އަންނަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން، ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި ކިޔަވާ އަންހެން ކުއްޖަކު ނިޔާވި މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތުން ދާޚިލީ ވަޒީރު ޢަލީ އިޙުސާން މަގާމުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

Leave a Reply