331 ފުލުހަކަށް މަގާމުގެ ކުރިއެރުން ދޭން ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އެކަން އިއުލާންކުރީ މިއަދު ފުލުހުންގެ ރަސްމީ ވެބްސައިޓުގައެވެ.

އަދި މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އޭގެ ތެރެއިން 166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި އެވެ. އެއީ މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށެވެ.

މި ފަހަރު މަގާމުގެ ކުރިއެރުން ދިން ފުލުހުންގެ ތެރޭގައި ސީނިއާ ސާޖަންޓް ރޭންކުން ސަބް އިންސްޕެކްޓަރ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި، ސާޖަންޓް ރޭންކުން ސީނިއާ ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުނުންނާއި ކޮންސްޓަބަލް ރޭންކުން ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުން ހިމެނެއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ  އަތޮޅުތަކުގައި ހިދުމަތްކުރާ ފުލުހުންނަށް އެ ސަރަހައްދުތަކުގައި މަގާމުގެ ކުރިއެރުން ހަވާލުކުރުމުގެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ވަނީ މަގާމުގެ ކުރިއެރުން ލިބުނު ފުލުހުން އިއްޔެއަށްވުރެ މިއަދު މަސައްކަތަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށް، ވެރިންނަށާއި މުއައްސަސާއަށް އިހުތިރާމްކޮށް، ރިވެތި އަހުލާގުގެ މަތީގައި ތިބެ ގައުމީ ހިދުމަތުގައި ދެމިތިބުމަށް ވެސް މިއަދު އިލްތިމާސް ކުރައްވައިފައެވެ.

Leave a Reply