އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަނުކުރަައްވަން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ނިންމަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

އެ މަގާމަށް ވާދަކުރައްވަން އަލްހާން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްވެސް އޮތީ ހުށަހަޅުއްވައިފައެވެ.

ނަމަވެސް އަލްހާން މިއަދު އެކްސްގައި ވިދާޅުވީ އެމްޑީޕީގެ އިދާރީ ހިންގުން އޮތް ހާލަތުން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންވެ އެމްޑީޕީގެ ޗެއާ ޕާސަންކަމަށް ކުރިމަތިލާން ނިންމި ނިންމުން ބަދަލުކޮށް، ކުރިމަތި ނުލާން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުއާއި އެމަނިކުފާނަށް ވަފާތެރި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަަމަވެސް އަދިވެސް އެ ޕާޓީގެ ތެރޭގައި އިންތިހާއަށް ކޯޅުންތައް އެބައޮތެވެ.

އެގޮތުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް ނަޝީދު ވާހަކަ ދައްކަން ނުދިން މައްސަލަ ހޫނުވެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރަން ވެސް ހުށަހެޅިއެވެ. ނަމަވެސް ފަހުން އެ މައްސަލަ ނެގިއެވެ.

Leave a Reply