މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ހއ. މުރައިދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން 2026 ޖުލައި 05ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރު ހައްޔަރުކޮށްފައި ވަނީ ހއ. މުރައިދޫ / ކިނާރާ، މުޙައްމަދު ޢާޝިރު (35އ)އާއި، އެ ރަށު ވެނީލާގެ، މުޙައްމަދު ޒައިން ޙަސަން (19އ)ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ، މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން، މުރައިދޫ ގެ އެއް ބަލައިފާސްކުރުމަށް ފަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމް ހުންނާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply