ރޭ އޮޔާ ގޮސް ސިނާމަލެ ބުރިޖުގައި ދެ ބޯޓު ޖެހުނު ނަމަވެސް ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

އެ ހާދިސާއާ ގުޅިގެން މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ ރޭ ހިނގި ހާދިސާ ކާރިސާއަކަށް ވެގެން ނުދިޔައީ ހަމަ ކިރިޔާ ކަމަށެވެ.

އަދި އެ ހާދިސާއާ ގުޅިގެން ބުރިޖު ބިނާކުރި ޗައިނާގެ ސެެކަންޑް ހާބާ އިންޖިނިއަރިން ކުންފުނީގެ އިންޖިނިއަރުން އިންސްޕެކްޝަންސްތައް ރެއާއި މިއަދު ހެނދުނު ހެދި ކަމަށެވެ.

އަދި ﷲގެ ރަހުމަތްފުޅުން ބުރިޖުގެ ސްޓްރަކްޗާއަސް ގެއްލުމެއް ނުވާ ކަމަށާއި ހަމައެކަނި ލިބިފައިހުރި ގެއްލުމަކީ ކުދިކުދި ކޫރުންތައް ކަމަށެވެ.

އަދި އެ ކުންފުނިން އެ ކުދުކުދި ގެއްލުންތައް މަރާމާތުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރޭ ހިނގި ހާދިސާ ކާރިސާއަކަށް ވިނަމަ މުޅި މާލެއަށައި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ނުހަނު އަސަރުކުރާނެ ކަމަށެވެ.

އަދި އެފަދަ ހާދިސާތައް ކުރިއަށް އޮތް ތަނުގައި ހިނގުން ހުއްޓަން މަސައްކަތް ކުރާނެ ކަމަށާއި އަދި އެކަމަށްޓަކައި ކޯސްޓު ގާޑާ ގުޅިގެން އިމެޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭ ހިނގި ހާދިސާއާ ގުޅިގެން ބުރިޖުގެ ދަތުރުފަތުރަށް އެއްވެސް ބުރުމެއް އައިސްފައެއް ނުވެއެވެ.