ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ދިފާއުކުރަން އެމްޑީޕީން ކޯޓަށް ދިއުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ން ނިންމީ ގާނޫނާ ޚިލާފަށް ކަމަށެވެ.

“މި ހަފުތާ ތެރޭގައި ތިނަދޫ ކައުންސިލް ރައީސްގެ މައްސަލަ ހުށަހެޅޭނެ އިރާދަކުރެއްވިއްޔާ. ޕާޓީގެ ގާނޫނީ ކޮމިޓީން އެ މަސައްކަތްކުރަމުންދޭ،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ 116ވަނަ މާއްދާއާ ހިލާފު އެއްވެސް ކަމެއް ޝުޖާއު ނުކުރައްވާ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ޕާޓީއެއްގެ ނަމުގައި ކައުންސިލަށް އިންތިޚާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ހިމެނިއްޖެނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ޝުޖާއު ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް އޭނާ މި ފަހުން ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. އެމްޑީޕީއަށް ސޮއިކުރި ފަހުން ޑިމޮކްރެޓްސްގައި 3,000 މެންބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެ ޕާޓީ އުވާލައިފައެވެ.

Leave a Reply