
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލުގައި ބަންދުގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު އޮތުމާއި، ތަންފީޒުކުރުމުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަލުން އިސްލާހުކުރުމަށްޓަކައި މި މަހުގެ ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިލައްވައިފިއެވެ.
ސަރުކާރުން ފުރަތަމަ އެކުލަވާލި ބިލުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ނުވަތަ ޖަލު ބަންދުގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާނުކުރެވޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މަޖިލީހުން ވަނީ އެ މާއްދާތައް އުނިކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިނިވަންކަން ގެއްލިފައިވާ ބައެއްގެ ކިބައިން އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުން ހޯދުމަކީ މުސްތަހީލު ކަމަކަށް ވާއިރު، އެފަދަ ހާލަތެއްގައި ތިބޭ ބަޔަކަށް ގުނަވަން ހަދިޔާކުރުމުގެ ހުއްދަ ދިނުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގެ އާންމު އުސޫލުތަކާ ވެސް ހިލާފު ކަމެކެވެ.
މީގެ އިތުރުން، ބަންދުގައި ތިބޭ މީހުންގެ ފަރާތުން މިފަދަ ނިންމުމެއް ނިންމާއިރު އަމަލުކުރާނެ ހާއްސަ އިޖުރާއަތްތަކެއް މަޖިލީހުން ފާސްކުރި ބިލުގައި އެކަށައަޅާފައި ނުވާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ބިލު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުއްވާލެއްވި އިތުރު ސަބަބުތަކުގެ ތެރޭގައި، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ތަންފީޒުކުރުމުގައި ހުރި އަމަލީ ދަތިތަކާއި، ގާނޫނަކަށް ވުމުގެ ކުރިން އެކުލަވާލަންޖެހޭ ގަވާއިދުތަކެއް ހުރުން ފަދަ ގާނޫނީ ފުށުއެރުންތައް ހިމެނެއެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































