
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި އަމިއްލަ އިސްނެގުމަށް ހާމަކުރުމަށް ލާޒިމުކުރާ ހުރިހާ މައުލޫމާތެއް، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު މީސްމީޑިއާ މެދުވެރިކުރައްވައި ހާމަކުރެއްވި ގޮތުގައި، މިދިޔަ ޖޫން މަހުގެ 7ވަނަ ދުވަހާ ހަމައަށް ރައީސް އޮފީހާއި ސަރުކާރުގެ 16 ވުޒާރާއަކުން ވަނީ ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް މައުލޫމާތުތައް ޝާއިޢުކޮށްފައެވެ. 2014ވަނަ އަހަރު މި ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން މުޅި ސަރުކާރު އެއްކޮށް މިކަން ފުރިހަމަކުރި މިއީ ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ކުރިން ވުޒާރާތަކުން ހާމަކޮށްފައި ވަނީ ލާޒިމުކުރާ މައުލޫމާތުގެ އެންމެ 34 އިންސައްތައެވެ.
ސަރުކާރުގެ މި ފިޔަވަޅަށް ތަޢުރީފުކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ މިއީ ރަނގަޅު ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވުޒާރާތަކުގެ ދަށުން ހިންގާ އެހެނިހެން އިދާރާތަކުން ވެސް މިފަދައިން ޢަމަލުކުރުމަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، އާންމުކޮށްފައިވާ މައުލޫމާތުތައް މެދުކެނޑުމެއްނެތި އަދާހަމަކުރުމަށާއި، އާންމު ރައްޔިތުން ހުށަހަޅާ އާރުޓީއައި ފޯމުތަކަށް މުއްދަތުގެ ތެރޭގައި އިޖާބަދިނުން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37ވަނަ މާއްދާ ބަޔާންކުރާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމަށް މަދުވެގެން 13 ބާވަތެއްގެ މައުލޫމާތު އަހަރަކު އެއްފަހަރު އާންމުކުރަން ޖެހެއެވެ. އޭގެ ތެރޭގައި މުއައްސަސާތަކުގެ މަސްއޫލިއްޔަތުތަކާއި، ދެވޭ ޚިދުމަތްތަކުގެ ތަފުސީލާއި، ވެރިންގެ މައުލޫމާތުގެ އިތުރުން ނިންމުންތައް ނިންމާ ގޮތުގެ މަރުހަލާތަކާއި ޝަކުވާ ހުށަހަޅާނެ ނިޒާމުތައް ފަދަ ރައްޔިތުންނާ ސީދާ ގުޅުންހުރި މުހިންމު ކަންކަން ހިމެނެއެވެ. މިއީ ރައްޔިތުންނަށް ފަސޭހައިން އަތުޖެހޭނެ ފަދަ ގޮތަކަށް ހާމަކުރަންޖެހޭ މައުލޫމާތުތަކެކެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































