މީސްލްސް އަދި ރުބެއްލާ (އެމްއާރް) ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިނުވާ 18 އަހަރުން ދަށުގެ ކުދިންނާއި ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން، ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަޤުޞަދުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މުޅި ރާއްޖޭގައި ޚާއްޞަ ވެކްސިނޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެން އެޗްޕީއޭއިން ކުރިއަށްގެންދާ މި ހަރަކާތުގެ ފުރަތަމަ މަރުޙަލާގައި އިސްކަންދެނީ ޞިއްޙީ ޚިދުމަތްތެރިންނާއި އަށާރަ އަހަރު ނުފުރޭ ކުދިންނަށެވެ. މި އުމުރުފުރާގެ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

ވެރިރަށް މާލޭގެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި، ސެނަހިޔާގެ އިތުރުން ދަމަނަވެށި (ޔޫޕީއެޗްސީސީ)ގައެވެ. ރާއްޖެތެރޭގެ ރަށްރަށުގައި މި ޚިދުމަތް ލިބޭނެ ގަޑިތައް ކަނޑައަޅައި އާންމުކުރާނީ އެ ރަށެއްގެ ޞިއްޙީ މަރުކަޒަކުންނެވެ.

މީގެ އިތުރުން، މި ކެމްޕޭނުގެ ދެވަނަ ފިޔަވަހި ފެށުމަށް ތާވަލުކޮށްފައި ވަނީ ޖޫން 30ގައެވެ. މި މަރުޙަލާގައި ވެކްސިން ދޭނީ އުމުރުން 30 އަހަރުން ދަށުގެ މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކަށެވެ. އަދި ތިންވަނަ ފިޔަވަހީގެ ދަށުން އުމުރުން 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް ފެނިފައިވާއިރު، ބަލިޖެހުނު މީހުންނާ ކޮންޓެކްޓުވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. މިގޮތުން 220 ކޮންޓެކްޓުންނަށާއި، ފްރަންޓްލައިންގައި ހަރަކާތްތެރިވާ 1537 ޞިއްޙީ މުވައްޒަފަކަށް މިހާރު ވަނީ ވެކްސިން ދީފައެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން މި ފުޅާ ޕްރޮގްރާމް ފަށާފައިމިވަނީ، މި މަހުގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހި ވެކްސިން ހަދިޔާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply