
އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ބައި-އިލެކްޝަނުގައި ވާދަކުރުމަށް ފޯމް ހުށަހެޅީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ފާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން އެކަނިކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އަންނަ ޖޫން މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ނުކުމެވަޑައިގަންނަވާނީ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަމުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ސައީދެވެ. އަދި އެމްޑީޕީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރައް ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު(ސޯބެ)އެވެ.
މި ދާއިރާގެ ގޮނޑި ހުސްވެ، އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން ވަނީ އޭނާގެ ކިބައިގައި މެންބަރުކަމުގެ ޝަރުތު ފުރިހަމަނުވާކަމަށް ކަނޑައަޅައި، މަގާމު ގެއްލިފައިވާކަމަށް ނިންމަވާފައެވެ.
އިންތިޚާބުގައި ވާދަކުރުމަށް އީސީން އެންމެ ފުރަތަމަ ދިން މުހުލަތަކީ އޭޕްރީލް މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ފަހުން ވަނީ މޭ މަހުގެ 2ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އެ މުއްދަތު އިތުރުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޕީއެންސީގެ ޕްރައިމަރީގައި ސައީދާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ ވެސް ސިނާނެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަމަށް ވިދާޅުވެ އޭނާ ވަނީ ޓިކެޓް ދޫކޮށްލައްވާފައެވެ. ޕާޓީގެ ފަރާތުން ސައީދަށް ފުރުސަތު ދިނީ އޭގެ ފަހުންނެވެ.
މި ބައި-އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ޖޫން 6ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































