ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑެއް ކަމަށްވާ ރޯޒްވުޑް ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓު، “ރޯޒްވުޑް ރަންފަރު” އަންނަ އަހަރު ހުޅުވަން އަމާޒުހިފައިފިއެވެ.

ޤަތަރުގެ އެސްޓިތްމާރް ހޯލްޑިންގްސްގެ އިންވެސްޓްމަންޓެއްގެ ދަށުން ތަރައްޤީކުރާ މި ޕްރޮޖެކްޓަކީ ރާއްޖެއަކީ ފަތުރުވެރިކަމަށް އެންމެ އެކަށީގެންވާ މަންޒިލްކަމަށް ދެކިގެން ކުރާ އިންވެސްޓްމަންޓެކެވެ. މާލެ އަތޮޅު ދެކުނުގައި އޮންނަ ފަޅެއްގެ ވަށައިގެންވާ ޕްރައިވެޓް ރަށްތަކެއްގައި ތަރައްޤީކުރާ މި ރިސޯޓަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 10 މިނެޓުން އަދި ޔޮޓެއްގައި 35 މިނެޓުން ދެވޭނެއެވެ.

ރޯޒްވުޑް ރަންފަރުގައި ޖުމްލަ 120 ވިލާ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެކެއް އަދި ފަސް ކޮޓަރީގެ މޫދު ވިލާތަކާއި ބީޗް ވިލާތައް ހިމެނޭއިރު، ކޮންމެ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލެއް ހުންނާނެއެވެ. އަދި ބައެއް ވިލާތައް ހަދާފައި ހުންނާނީ ވަކި ރަށްރަށުގެ ގޮތުގައެވެ.

ފަތުރުވެރިންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކާ އެކު ތަރައްޤީކުރާ މި ރިސޯޓުގައި ރޯޒްވުޑްގެ ވެލްނެސް ޕްރޮގްރާމް “އަސާޔާ”ގެ ސްޕޭސްއަކާއި ޖިމްއެއް ހުންނާނެއެވެ. މީގެ އިތުރުން ޚާއްސަ ރެސްޓޯރެންޓްތަކާއި ބީޗް ކްލަބެއްގެ އިތުރުން ޕަޑެލް ކޯޓު އަދި ތަފާތު ވޯޓަރ ސްޕޯޓްސް ހަރަކާތްތައް ހިމެނޭނެއެވެ. ކުޑަކުދިންނަށް ޚާއްސަކޮށްގެން “ރޯޒްވުޑް އެކްސްޕްލޯރާސް ކްލަބް”ގެ ނަމުގައި ކްލަބެއް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply