
އަލްނީނޯ ސަދަން އޮސިލޭޝަންއަކީ ޕެސިފިކް ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިނަށް އަންނަ ބަދަލުތަކާ ގުޅިގެން މުޅި ދުނިޔޭގެ ވައިގެ ބާރާއި މޫސުމަށް ނުފޫޒު ފޯރުވާ އެންމެ ވަރުގަދަ ގުދުރަތީ ބަދަލެވެ. މި ބަދަލުގެ ތެރެއިން ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން އާންމު މިންވަރަށް ވުރެ މައްޗަށް އެތައް މަހެއް ވަންދެން ދެމިގެން ހިނގައްޖެ ނަމަ، އެ އިވެންޓެއް ކްލެސިފައި ކުރެވެނީ “ސުޕަ އަލްނީނޯ”އެއްގެ ގޮތުގައެވެ. ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަންއިން “ސުޕަ އަލްނީނޯ” މި ލަފުޒު ރަސްމީ އޮޕަރޭޝަނަލް ކްލެސިފިކޭޝަނެއްގެ ގޮތުގައި ބޭނުން ނުކުރި ނަމަވެސް، މިފަދަ ބާރުގަދަ އިވެންޓްތަކުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް އިތުރަށް ވަރުގަދަވެގެންދެއެވެ. ވޭތުވެދިޔަ ބައި ގަރުނުގެ ތެރޭގައި ރެކޯޑު ކުރެވިފައި ވަނީ އެންމެ ތިން ސުޕަ އަލްނީނޯ އިވެންޓެވެ. އަދި މި އަހަރުގެ ޖޫން މަހު ޑަބްލިއުއެމްއޯއިން ނެރުނު ރިޕޯޓުތަކުން ދައްކާގޮތުގައި ކުރިއަށް އޮތް މަސްތަކުގައި އަލްނީނޯއެއް އުފެދުމުގެ ފުރުސަތު 80 އިންސައްތައަށް ވުރެ މަތިވެފައިވާއިރު، އަހަރުގެ ފަހުކޮޅަށް ދާއިރު މިއީ މޮޑަރޭޓް ނުވަތަ ވަރުގަދަ އަލްނީނޯއަކަށް ވުމުގެ ފުރުސަތު އުޅެނީ 90 އިންސައްތައަށް ވުރެ މަތީގައެވެ. ސުވާލަކީ މިކަމުން ރާއްޖެއަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ މި ހާއްސަ ހާލަތަށް ރާއްޖެ ތައްޔާރު ހެއްޔެވެ؟
ސުޕަ އަލްނީނޯގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރުވުމަށް ބަދަލު އައިސް، އިކުއޭޓާ ސަރަހައްދުގެ ޓްރޭޑް ވިންޑްސް ބަލިކަށިވެ ނުވަތަ ދިމާ ބަދަލުވެގެންދެއެވެ. މީގެ ސަބަބުން އިންޑިއާ ކަނޑުގެ އިކުއޭޓާ ސަރަހައްދުގެ ވާރޭވެހުން މަދުވެއެވެ. ރާއްޖެއަށް މީގެ އަސަރު ފޯރަނީ ޕެސިފިކް ކަނޑުގައި މި އިވެންޓް އުފެދޭތާ ގާތްގަނޑަކަށް 3 ނުވަތަ 4 މަސް ފަހުންނެވެ. މިގޮތުން ޖޫންއާއި އޮގަސްޓާ ދެމެދު އުފެދޭ އެލްނީނޯއެއްގެ އަސަރު ރާއްޖެއަށް ފޯރަން ފަށާނީ ސެޕްޓެމްބަރުން ނޮވެމްބަރާ ދެމެދު ތެރޭގައި ކަމަށް ސައިންސްވެރިން އަންދާޒާ ކުރެއެވެ. މިއީ ހުޅަނގު މޫސުމުގެ ފަހުކޮޅާ ދިމާވާ ދުވަސްވަރެކެވެ.
ސުޕަ އަލްނީނޯއާއި އިންޑިއަން އޯޝަން ޑައިޕޯލްއާ ދެމެދު އޮންނަ ގުޅުން ދެނެގަތުމަކީ މުހިއްމު ކަމެކެވެ. އިންޑިއާ ކަނޑުގެ ދެކޮޅުގެ ހޫނުމިނަށް އަންނަ ބަދަލު ކަމަށްވާ އިންޑިއަން އޯޝަން ޑައިޕޯލް ޕޮޒިޓިވް ފޭސްއަކަށް ދިއުމަށް އަލްނީނޯއިން ބާރުގަދަވެއެވެ. ޕޮޒިޓިވް އައިއޯޑީއެއްގައި އިންޑިއާ ކަނޑުގެ ހުޅަނގު ކޮޅު (އެފްރިކާ ބިތް) ހޫނުވެ، އިރުމަތީ ކޮޅު (އިންޑޮނީޝިއާ ބިތް) ފިނިވެއެވެ. ރާއްޖެ އޮންނަނީ މި ތިލަވުމުގެ މެދުގައި ކަމަށްވުމުން، ޕޮޒިޓިވް އައި.އޯ.ޑީއެއްގައި ރާއްޖޭގެ ކަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދެއެވެ. އެލްނީނޯއާއި ޕޮޒިޓިވް އައިއޯޑީ އެއްވަގުތެއްގައި ދިމާވުމުން، ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް ގޮސް، ބޮޑެތި ތިމާވެށީގެ ކާރިސާތަކަކަށް މަގުފަހިވެއެވެ.
މުރަކަ ހުދުވުމުގެ މައްސަލަ ކުރިމަތިވުން ގާތް
ކަނޑުގެ ހޫނުމިން މައްޗަށް ދިއުމަކީ މުރަކަ ބްލީޗްވުމަށް ދިމާވާ މައިގަނޑު ސަބަބެވެ. މުރަކައާއި އޭގެ ޓިޝޫތަކުގައި ދިރިއުޅޭ އަލްގޭއާ ދެމެދު އޮންނަ ގުޅުމަކީ މުރަކައަށް ބޭނުންވާ ހަކަތައިގެ ބޮޑުބައި ފޯރުވައިދޭ ގުޅުމެކެވެ. ހޫނުމިން އެއް ޑިގްރީ ސެލްސިއެއްއާއި ދެ ޑިގްރީ ސެލްސިއެއް އާ ދެމެދުގެ މިންވަރަކަށް މައްޗަށް ދިއުމުން، މި ސިމްބަޔޮޓިކް ގުޅުން ހީނަރުވެއެވެ. ހޫނުވުމުގެ ސަބަބުން އަލްގޭތަކުން އޮކްސިޖަން ރެޑިކަލްސް ނުވަތަ ގެއްލުންދެނިވި މޮލިކިއުލްތައް ބޭރުކުރަން ފެށުމުން، މުރަކަ ހަށިގަނޑުން އެ އަލްގޭތައް ބޭރުކޮށްލައެވެ. މީގެ ސަބަބުން މުރަކައިގެ ކުލަ ގެއްލި، ހުދުކުލައިގެ ކެލްސިއަމް ކާބޮނޭޓް ކަށިގަނޑު ފެންނަން ފަށައެވެ. މިގޮތަށް ބްލީޗްވެފައިވާ މުރަކަތަކަށް އަލުން އަލްގޭތައް ނުލިބި 3 ހަފުތާ ފާއިތުވެއްޖެ ނަމަ، މުރަކަ އަމިއްލަ ޓިޝޫތައް ބޭނުންކޮށްގެން ހަކަތަ ހޯދަން ފަށައި، އެންމެ ފަހުން ބަނޑަށް މަރުވެއެވެ.
މާޒީގައި ހިނގާފައިވާ މުރަކަ ހުދުވުމުގެ އިވެންޓްތަކުގެ ތެރެއިން 1998ވަނަ އަހަރުގެ އެލްނީނޯގައި ރާއްޖޭގެ ތިލަ ފަރުތަކުގެ 90 % މުރަކަ މަރުވެ، ދިރިހުރި މުރަކައިގެ ނިސްބަތް 40% އިން 2%އަށް ވުރެ ދަށަށް ދިޔައެވެ. މި ފަރުތައް އަލުން އިއާދަވުމަށް 10 އަހަރު ނެގިއެވެ. 2015-16 ގެ ސުޕަ އަލްނީނޯގައި ރާއްޖޭގެ 73% މުރަކަ ބްލީޗްވިއެވެ. މި އިވެންޓުގައި ތިލަ ފަރުތަކުން (0-7 މީޓަރު) 66% އަދި ފުން ފަރުތަކުން (7-13 މީޓަރު) 77% މުރަކަ ބްލީޗްވި އެވެ. ފުން ފަރުތަކުން ބްލީޗްވުން އިތުރުވީ ތިލަ ފަރުތަކުގައި ހުރި މުރަކަތަކަކީ މާޒީގެ ހޫނަށް ހޭނިފައިވާ މުރަކަތަކަކަށް ވުމުން ކަމަށް ބެލެވެއެވެ. މި އިވެންޓުގެ ސަބަބުން ގިނަ ފަރުތަކެއް ހަލާކުވެ، މުރަކައިގެ ކުނޑިތަކުން އުފެދިފައިވާ ‘ރަބަލް ބެޑްސް’ އުފެދުނެވެ.
ނަމަވެސް، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ބާރުގަދަ މުރަކަތަކަކީ 36 ޑިގްރީ ސެލްސިއެއް އާ ހަމައަށްދާ ހޫނުމިނުގައި ވެސް ކޮންމެ ވެސް ވަރަކަށް ކެތްކުރާ މުރަކަތަކެކެވެ. މިފަދަ މުރަކަތަކުގެ ބައިތައް ދިރިހުރެއްޖެ ނަމަ 15 އަހަރުގެ ތެރޭގައި އަލުން ފަރުތައް އިއާދަވެއެވެ. މުރަކައިގެ ފަރުތައް އިއާދަވުމުގައި އެއް ފަރާއި އަނެއް ފަރުގެ މެދުގައި އޮންނަ ލާވްގެ ގުޅުން މުހިއްމު ދައުރެއް އަދާކުރެއެވެ. ނަމަވެސް، ތަކުރާރުކޮށް ހޫނުވުމުގެ ސަބަބުން މި ގުޅުންތަކަށް ހުރަސްއެޅެއެވެ.
މޫސުމީ ބަދަލުތައް އިންތިހާއަށް ކުރިމަވުން ގާތް
މިކަމުގެ ސަބަބުން ހޫނުގެ ނުރައްކާ ވެސް އިންތިހާއަށް މަތިވެގެންދާނެއެވެ. ކުރިއަށް އޮތް މޫސުމީ ބަދަލުތަކުގެ ސިނާރިއޯތަކަށް ބަލާއިރު، ރާއްޖޭގެ ފަރުތަކަށް ކުރިމަތިވާ ހޫނުގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ. މިގޮތުން ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންއިން ޑިސެމްބަރު 2023ގައި ވަނީ ބްލީޗިންގ އެލާޓް ލެވެލްތައް 3އިން 5އަށް މަތިކޮށްފައެވެ.
ރާއްޖޭގެ އިގްތިސާދަކީ ކަނޑުގެ ދިރުންތަކަށް ސީދާގޮތުން ބަރޯސާވާ އިގްތިސާދެކެވެ. މަސްވެރިކަމަކީ ރާއްޖޭގެ އެކްސްޕޯޓްގެ 96% ހިއްސާކުރާ ދާއިރާއެވެ. ރާއްޖޭގެ މަސްވެރިކަމުގެ ބޮޑުބަޔަކީ ދޮށީގެ މަސްވެރިކަމަށްވާއިރު، މިއީ ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރިކަމުގެ ގޮތުގައި ސީފުޑް ވޮޗްއިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ސުޕަ އަލްނީނޯގެ ސަބަބުން ކަނޑުގެ ހޫނުމިން މައްޗަށް ދިއުމުން، ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ފަދަ މަސްތައް ފިނި ކަނޑުގެ އަޑިއަށް ދަތުރުކުރެއެވެ. މީގެ ސަބަބުން މަސްވެރިކަމުގެ ކެޗް ރޭޓް ދަށަށްދެއެވެ. މީގެ އިތުރުން، ފަރުތައް ބްލީޗްވުމުގެ ސަބަބުން ތިލަ ފަރުތަކުގައި އުޅޭ އެންމަސްތައް މަދުވެ، މަސްވެރިންނަށް އެން ހޯދަން ދަތިވެއެވެ. މިކަމުގެ ސަބަބުން މަސްވެރި އުޅަނދުތަކަށް ދަތުރުކުރަންޖެހޭ ރާސްތާ ދިގުވެ، ތެލުގެ ހަރަދާއި އޮޕަރޭޝަނަލް ހަރަދު ބޮޑުވެގެންދެއެވެ. އަދި ކަނޑުގެ އޮއިވަރާއި މޫސުން ލަފާކުރަން ދަތިވުމުގެ ސަބަބުން މަސްވެރިންނަށް މަސް ހޯދުމަށް ބޭނުންކުރާ ސީބާޑްސް ނުވަތަ ކަނޑުގެ ދޫނިތައް މަދުވުމުގެ މައްސަލަ ވެސް ކުރިމަތިވެއެވެ.ފަތުރުވެރިކަމަށް ބަލާއިރު، ރާއްޖޭގެ ރިސޯޓުތަކުގެ 90% އަށް ވުރެ ގިނަ ތަންތަނުން ދަނީ ގޮނޑުދޮށް ގިރުމުގެ މައްސަލަ ރިޕޯޓު ކުރަމުންނެވެ. އަދި 60% ރިސޯޓުތަކުގެ އިންފްރާސްޓްރަކްޗާއަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުންވެފައިވެއެވެ. ފަރުތަކުގެ ގުދުރަތީ ރާޅު ހިފަހައްޓައިދޭ އައްޑަނަ ބަލިކަށިވުމުން، ރިސޯޓުތަކަށާއި މީހުން ދިރިއުޅޭ ރަށްރަށަށް ރާޅުއެރުމާއި ގިރުން އިތުރަށް ހަލުވިވެގެންދެ އެވެ.

ރާއްޖޭގެ ދުނިޔޭގެ އެންމެ ތިލަ ގައުމަށްވާއިރު، އެންމެ މަތީ ހިސާބަކީ ވެސް ކަނޑުގެ ލޮނުގަނޑުއަޅައި އެންމެ 2.4 މީޓަރު މަތީގައި އޮންނަ ހިސާބެކެވެ. ރާއްޖޭގެ ގިނަ ރަށްރަށަކީ ބޯފެނަށް ވާރޭފެނަށް ބަރޯސާވާ ރަށްރަށެވެ. ސުޕަ އަލްނީނޯގެ ސަބަބުން އިރުވައި މޫސުން ދިގުލައިދިއުމާއި ވާރޭ ނުވެހި ހަނަފަސްވުމުގެ ސަބަބުން ރަށްރަށުގެ ފެން ރައްކާކުރާ ނިޒާމުތައް ހުސްވެއެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށަށް ހޫނު މޫސުމުގައި މާލެއިން ކުއްލި ޙާލަތުގައި ބޯފެން ފޮނުވަން ޖެހިފައިވެއެވެ.ބިމުގެ ފެންފަށަލަ ތަޣައްޔަރުވެފައިވުމުން، ގްރީން ކްލައިމެޓް ފަންޑުގެ އެހީގައި ހިންގި 28 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ 49 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރެވުނެވެ.
ނަމަވެސް، ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުތަކުން ދައްކާގޮތުގައި ށ. ކަނޑިތީމާއި ހދ. ނޮޅިވަރަންފަރު ފަދަ ރަށްރަށުގައި މި މަޝްރޫއުތައް ހިންގާފައިވަނީ އަވަސްއަރުވާލައިގެން، ފުރިހަމަނުކޮށެވެ. އަދި ރައްޔިތުންނާ މަޝްވަރާނުކޮށް ކުރުމުގެ ސަބަބުން ފެނުގެ ހަމަހަމަކަން ގެއްލިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ފެން ނެތުމުގެ ސަބަބުން ރަށްރަށުން މީހުން ހިޖުރަކުރުން އިތުރުވެ، އަހަރަކު އެވްރެޖްކޮށް 2,200 މީހުން މާލެއަށް ބަދަލުވެއެވެ. ގިނަ ރަށްތަކެއް ދާއިމީގޮތުން ފެނަށް އަޑިއަށް ދިއުމުގެ ކުރިން ބޯފެން ނެތުމުގެ ސަބަބުން ފަޅުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
ވާރޭވެހުމުގެ ނިޒާމަށް އަސަރު ކުރާނެ
ސުޕަ އަލްނީނޯގެ ސަބަބުން ވައިގެ ހޫނުމިން މައްޗަށް ދިއުމާއި ވާރޭވެހުމުގެ ނިޒާމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް، ހާއްސަކޮށް ޑެންގީ ހުން ފެތުރުން ހަލުވިވެއެވެ. އެލްނީނޯގެ ސަބަބުން ދުނިޔޭގެ ޑެންގީ ކޭސްތަކުގެ 63% ބަދަލުވުންތައް ކަނޑައެޅެނީ މޫސުމީ ބަދަލުތަކާ ގުޅިގެންނެވެ. ހޫނުމިން 29 ޑިގްރީ ސެލްސިއެއް ގައި ހުރުމާއި، މަތީ ހިއުމިޑިޓީއަކީ މަދިރި އާލާވުމަށާއި ވައިރަސް ފެތުރުމަށް އެންމެ އެކަށީގެންވާ ހާލަތެވެ.ކޮންމެ 1 ޑިގްރީ ސެލްސިއެއް އެއްގެ ހޫނުމިން އިތުރުވުމަކުން ޑެންގީ ޖެހުމުގެ ރިސްކް 13 % އިތުރުވެއެވެ މި އަސަރު ޓްރޮޕިކަލް މޫސުމީ ސަރަހައްދުތަކުގައި ބޮޑުވެ، ހޫނުމިން އިތުރުވާ ކޮންމެ ޑިގްރީއަކުން ބަލި ފެތުރުމުގެ ފުރުސަތު 29% އަށް މައްޗަށް ދެއެވެ. މާޒީގައި ހިނގާފައިވާ ބޮޑެތި އަލްނީނޯ އަހަރުތަކުގައި (1997-98، 2015-16، 2023-24) ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންގީގެ ބަލިމަޑުކަން އާދަޔާ ހިލާފަށް އިތުރުވެފައިވެ އެވެ.
ސުޕަ އަލްނީނޯއަކީ ރާއްޖޭގެ ތިމާވެށި، އިގްތިސާދު އަދި އިޖުތިމާއީ ހާލަތަށް ހުރި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މުރަކައިގެ ފަރުތައް ހަލާކުވުމަކީ ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އަދި ރަށްތައް ދެމިއޮތުމަށް އޮތް ބޮޑު ހުރަހެކެވެ. މި ނުރައްކާތަކުން ސަލާމަތްވުމަށް ޓަކައި މޫސުމީ ބަދަލުތަކަށާއި ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިވާން ޖެހެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަނެ ، ކުރެވެން ހުރިކަންތައްތަކަށް އިސްކަމެއް ދޭންޖެހެއެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































