
އާންމު ރައްޔިތުންގެ ޟަރޫރީ ބޭނުންތަކަށް ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް މީގެ ކުރިން ދުވަހަކު ވެސް ފަހިނުވާހާ ފަސޭހަ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީއަށް ފާޑުވިދާޅުވެފައި ވަނީ “ޑޮލަރެއްނެތް” މި ނަމުގައި އެމްޑީޕީގެ ފަރާތުން ޖުލައި 12ވަނަ ދުވަހުގެ ރޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް 15.42 ރުފިޔާގެ ރޭޓުން 1،000 ޑޮލަރު ލިބެން ހުރިއިރު، ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ މީހުންނަށާއި ކިޔަވާ ކުދިންނަށް ވެސް ދަތިކަމެއްނެތި ބޭންކުތަކުން ޑޮލަރު ދޫކުރެއެވެ. ހަމައެހެންމެ، ބޭރަށް ދަތުރުކުރާ އާންމުންނަށް ބޭންކު ކާޑުތައް ބޭނުންކޮށްގެން 3،000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ މަގު ވެސް ވަނީ ފަހިކޮށްދީފައެވެ.
ވިޔަފާރިވެރިންނަށް ލިބޭ ލުއިފަސޭހަތަކަށް އަލިއަޅުވާލައްވަމުން، އިމްޕޯޓުކުރާ މުދަލުގެ ޝިޕްމެންޓްތަކުގެ 20 އިންސައްތައަށް ބޭންކުތަކުން ޑޮލަރު ހަމަޖައްސައިދެމުންދާތީ، ވިޔަފާރިވެރިންނަށް ޖުމްލަ ގޮތެއްގައި ޑޮލަރެއް ގަންނަން ޖެހެނީ 18 ވަރަކަށް ރުފިޔާއަށްކަން ފަލާހު ތަފްސީލުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު ޑޮލަރުގެ އަގަށް އައިސްފައިވާ ބަދަލުގެ މައިގަނޑު ސަބަބަކީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިގުތިސާދީ ހަމަތަކާ ހިލާފަށް އަށް ބިލިއަން ރުފިޔާ ޗާޕުކުރުން ކަމަށެވެ.
އެމްޑީޕީން އިގުތިސާދީ މައްސަލަތަކުގައި ވާހަކަދެއްކުމަކީ ލަދުވެތިކަމެއްކަމަށް ސިފަކުރައްވަމުން ފަލާހު ވަނީ، އެ ޕާޓީގެ ފުރަތަމަ ވެރިކަން ނިމުމަކަށް އައީވެސް ހިދުމަތްތައް ހީނަރުވެ، ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ރައްޔިތުން ކުރި މުޒާހަރާތަކުގެ ސަބަބުންކަން ހަނދާންކޮށްދެއްވާފައެވެ. އަދި އެމްޑީޕީގެ ދެވަނަ ދައުރުގައި ދައުލަތުގެ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ބޭރު ފައިސާ މާރުކޮށް، އެ ފަންޑު ދެ މިލިއަން ޑޮލަރަށް ދަށްކޮށްލާފައިވާކަމަށާއި، ބޮޑެތި އަދަދުތަކުން ދަރަނި ނެގި ނަމަވެސް ގައުމަށް ފައިދާހުރި އެއްވެސް ކަމެއް ކޮށްދެވިފައިނުވާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވިއެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































