
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ދެއްވައިފިއެވެ.
ރާއްޖޭގެ 61ވަނަ މިނިވަންދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މިއަދު ގައުމުން މިދެކޭ ހަމަޖެހުމާއި އަމާންކަމަކީ ކާބަފައިން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ނަތީޖާ ކަމަށެވެ. އަދި މި މިނިވަންކަން ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެހައި ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ގައުމީ ވާޖިބެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މެސެޖުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
އޭގެ އިތުރުން ގައުމު ބިނާކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ، ހާއްސަކޮށް ޒުވާނުންގެ ބައިވެރިވުން ނުހަނު މުހިންމުކަން ފާހަގަކުރައްވައި، ސުލްހަވެރި އަދި އަމާން ވެއްޓެއް ގާއިމުކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕޮލިސް ކޮމިޝަނަރު އިލްތިމާސްކުރެއްވިއެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































