
މަދްރަސަތުލް ޢަރަބިއްޔާއާމެދު އެމްޑީޕީގެ ސަރުކާރުތަކުން ބޮޑު އިހުމާލެއްވެ، އެ ސްކޫލުގެ ދަރިވަރުން ރެފިއުޖީންތަކެއް ފަދައިން ގެންގުޅެފައިވާކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ކުރެއްވި ސުވާލަކާ ގުޅިގެން ވަޒީރު އިތުރަށް ވިދާޅުވީ، ޢަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް މިހާރު ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އިމާރާތް އެއްކޮށް ނިންމައި، ކުރިއަށް އޮތް ދިރާސީ އައު އަހަރާ އެކު އެތަނުގައި ކިޔަވައިދޭން ފެށުންކަމަށް ވެސް ޑރ. ޝަފީޢު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުތަކުން ޢަރަބިއްޔާއާ މެދު ކަންތައްކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވަޒީރު ފާހަގަކުރެއްވީ، އެ ޕާޓީގެ ފުރަތަމަ ދައުރުގައި ސްކޫލު ހުރި ބިން އަތުލައި ކުދިން މަގުމަތިކޮށްލި ކަމަށެވެ. ހަމައެހެންމެ، އެމްޑީޕީގެ ދެވަނަ ދައުރުގައި ވެސް އެކަށީގެންވާ ހައްލެއް ނުހޯދައި، ކުރީގެ ސައުދީ އެމްބަސީ ހިންގި އިމާރާތަށާއި ބާ ދަރުމަވަންތަ ސްކޫލުގެ އިމާރާތަށް ކުދިން ބަދަލުކޮށް، ދަރިވަރުންނަށް ނުހަނު ދަތިކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ހަވާލުވިއިރު ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި އޮތް ނިޒާމީ ބައި އުވާލުމަށް ފަހު، ޢަރަބިއްޔާގެ ބިން ސަރުކާރަށް ނެގިއެވެ. އޭގެ އެތައް އަހަރެއް ފަހުން އަމީނިއްޔާ ކުރިމަތީގައި އިމާރާތެއް އެޅިނަމަވެސް، ދިހަ އަހަރު ނުވަނީސް އެތަނުގައި ރެނދުލައި ހަލާކުވުމުން އަނެއްކާ ވެސް ދަރިވަރުންނަށް ޖެހުނީ އެހެން ތަންތަނަށް ބަދަލުވާށެވެ.
ނިމިދިޔަ ސަރުކާރުން ޢަރަބިއްޔާ އެޅުމަށް ނިންމާފައި އޮތީ ޖާގައިގެ ގޮތުން ވަރަށް ކުޑަ ބިމެއް ކަމަށްވާ ބާ ޖަމާލުއްދީން ގޯތިތެރޭގައެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އެ ނިންމުން ބަދަލުކުރައްވައި، ޖާގަ ތަނަވަސް 386 ނަންބަރު ކޮށީގައި ސްކޫލު ބިނާކުރުމަށް ހަމަޖައްސަވައި، އެ މަސައްކަތް ބާރު ސްޕީޑުގައި ފައްޓަވައިދެއްވާފައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































