ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ، ދިވެހި ލަވަ “ހުވަފެނީ ތަސްވީރު” މުޅި ސޯޝަލް މީޑިއާ ފަތަހަކޮށްފިއެވެ.

ޚާއްސަކޮށް، ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެޕްލިކޭޝަން ކަމަށްވާ “ޓިކްޓޮކް” ގައި މިވަގުތު އެންމެ ބޮޑަށް ޓްރެންޑް ވަމުން އަންނަނީ މި ލަވައިގެ ހިތްގައިމު ރާގާއި އަޑެވެ. މިހާރު ޓިކްޓޮކްގެ “ފޯ ޔޫ” ޕޭޖަށް ވަދެލައި، ސްކްރޯލް ކޮށްލާ ކޮންމެ ފަހަރަކުހެން، މި ލަވައިގެ އަޑު ނީވި ނުދާނެކަން ޔަގީނެވެ. މިއީ ފަހުގެ ތާރީޚެއްގައި ދިވެހި އޯޑިއޯއެއް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ބޮޑަށް ވައިރަލްވި ފުރަތަމަ ފަހަރެވެ.

“ހުވަފެނީ ތަސްވީރަކީ” ކްރިއޭޓް ނެޓްވޯކުގެ އުފެއްދުމެކެވެ. މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ނަސޫޙާއި މާއިން ރަޝީދެވެ. މި ލަވައަކީ ކްރިއޭޓިވް ނެޓްވޯކުން މިހާރު މަސައްކަތް ކުރަމުން އަންނަ މީޑިއާނެޓްގެ އޮރިޖިނަލް ސީރީޒް “ޖުންޖުލާ”ގެ ލަވައެކެވެ. މި ލަވައިގެ ކޮރެއޯ، އެޑިޓިން އަދި ޑިރެކްޝަން ހަދާފައިވަނީ އަޒްހާން އިބްރާހިމެވެ. ލަވައިގައި ފެންނަނީ މަޝްހޫރު ފިލްމީ ތަރިން ކަަމަށްވާ ވާޝިއާ މުޙައްމަދާއި މުޙައްމަދު އިޝްފާނެވެ.

މި ލަވައިގެ ޖަޒުބާތީ އަދި ހިތްގައިމު މިއުޒިކް ބޭނުންކޮށްގެން ކްރިއޭޓަރުން އަންނަނީ ވަރަށް އުފެއްދުންތެރި، ތަފާތު އެކި ކޮންޓެންޓްތައް އުފައްދަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރީތި ރަށްރަށާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ ސިނަމެޓިކް ދަތުރުފަތުރުގެ ވީޑިއޯތަކާއި، އާންމު ދިރިއުޅުމުގެ ކަންކަން ހިއްސާކުރާ ވްލޮގްތަކުގެ އިތުރުން، އަމިއްލަ ހުނަރު ދައްކުވައިދޭ ލިޕް-ސިންކް އަދި ޓްރާންސިޝަން ވީޑިއޯތައް ހިމެނެއެވެ. ލަވައިގެ ބަސްތަކާ ގުޅުވައިގެން މީހުން ހަދާފައިވާ ވީޑިއޯތަކަށް އެތައް ހާސް ވިއުޒް އަދި ލައިކްސް އަންނަނީ ލިބެމުންނެވެ. އަދި ކޮމެންޓް ސެކްޝަންތަކުގައިވެސް މި ލަވައިގެ ރީތިކަމުގެ ވާހަކަ މީހުން އަންނަނީ ދައްކަމުންނެވެ.

“ހުވަފެނީ ތަސްވީރު” އަށް ލިބެމުން އަންނަ މި ބޮޑު ތަރުހީބުން ދައްކުވައިދެނީ، ފެންވަރު ރަނގަޅު އުފެއްދުންތަކަށް ގިނަ ބައެއްގެ ލޯބި އޮތް ކަމެކެވެ. މުޅި ޓިކްޓޮކްގައި މި ލަވައިގެ އަޑު ގުގުމަމުން އަންނައިރު، މި ޓްރެންޑް އަދި ކައިރި މުސްތަގުބަލެއްގައި މަޑުޖެހޭނެކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

Leave a Reply