
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ރަށުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު މަލްޓި-އޮޕަރޭޓެޑް ޓާމިނަލެއް ބިނާކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށަން ތައްޔާރުވެއްޖެއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ޓްރޭޑް ޑެސްކް” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެމްޕީއެލްގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އައިމަން އަލީ ވަނީ މި ޕްލޭންގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބަނދަރު ބަދަލުކުރުމުގެ މާސްޓަރޕްލޭން އެކުލަވާލާފައިވަނީ ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި އާންމު މުދާ އުފުލާ ޓާމިނަލަކާއި، އެތެރޭގެ އުދުހުންތަކަށް ޚާއްޞަ ޑޮމެސްޓިކް ޓާމިނަލެއްގެ އިތުރުން ކޮންޓެއިނަރ ޓާމިނަލެއް ތަރައްޤީކުރުން ހިމެނެއެވެ.
މިހާރު މާލޭގެ ނޯތު ހާބަރާއި ޓީޖެޓީ ސަރަހައްދުގައި ހިދުމަތް ދެމުން އަންނަނީ އެންމެ ފަސް ހެކްޓަރުގެ ކުޑަ ޖާގައެއްގައެވެ. ނަމަވެސް ތިލަފުއްޓަށް މި ހިދުމަތްތައް ބަދަލުކުރެވޭއިރު 20 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ލިބޭނެކަމަށާއި، މީގެ ސަބަބުން އަހަރެއްގެ މައްޗަށް 20 ފޫޓުގެ 300،000 ކޮންޓެއިނަރަށް ފަސޭހަކަމާއެކު ހިދުމަތް ދެވޭނެކަމަށް އައިމަން ވިދާޅުވިއެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ 90 އިންސައްތައަކީ ކަނޑުމަގުން ގެންނަ މުދަލަށް ވީހިނދު، ބަނދަރުގެ ޖާގަ ތަނަވަސްވުމަކީ މުޅި އިޤުތިޞާދަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދުރާލާ ރާވައިގެން ބޮޑު ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އަމާޒަކީ ބޮޑު ޓާމިނަލަކާއެކު ތިލަފުށީގައި މަލްޓި-އޮޕަރޭޓެޑް ޓާމިނަލެއް ވުޖޫދަށް ގެނައުން،” އައިމަން ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މި ބޮޑު މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ، މި ބަދަލާއެކު މުދާ ހުސްކުރުމަށް މިހާރު ނަގާ 7 ދުވަހުގެ މުއްދަތު 48 ގަޑިއިރަށް ކުޑަވެގެންދާނެ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުދާ އެތެރެކުރުމުގެ ހަރަދު ކުޑަވެ، އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން މާލޭގައި ހިންގާ ހޯލްސޭލް ވިޔަފާރިތަކާއި ގުދަންތައް ތިލަފުއްޓަށް ބަދަލުކުރެވި، މުދާ އުފުލާ އުޅަނދުފަހަރަށް ފަސޭހައިން ބަނދަރުކުރެވޭނެ އިންތިޒާމު ހަމަޖެހުމުން، ރަށްރަށަށް މުދާ ފޮނުވުމުގެ ނިޒާމުވެސް މާބޮޑަށް އަވަސްވެގެންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































