
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ހައްޔަރުކޮށްފައި ވަނީ ގ. މޫންލައިޓްވިޔު / މާލެ، މުޙައްމަދު ޢުމައިރު (58އ) އާއި ގުލްއަލާގެ / ލ. ދަނބިދޫ، މާޝާ އިބްރާހީމް (38އ)އެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 23ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓުއަމުރެއްގެ ދަށުން ކަމަށާއި ދެމީހުންނަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































