ސަޢޫދީ ރަންގެފާނުގެ އިސްނެންގެވުމުގެ މަތިން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު، މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާ ޙަވާލުކޮށްފިއެވެ.

“ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު” ގެ ފަރާތުން ފޯރުކޮށްދިން މި އެހީ، ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ބިން ޢަލީ އަލްޤަޙްޠާނީއެވެ. މިތަކެއްޗާ ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މީސްމީޑިއާ އެކްސްގައި މިކަމާ ގުޅޭގޮތުން ޝުޢޫރު ފާޅުކުރައްވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މިއީ ދިވެހިރާއްޖެއާއި ސަޢޫދީއާ ދެމެދު އޮންނަ އިސްލާމީ އުޚުއްވަތްތެރިކަމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި 2004ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ވޭތުވެދިޔަ 22 އަހަރު ދުވަހު ސަޢޫދީން ރާއްޖެއަށް މިފަދައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ދީލަތި އެހީތެރިކަމަށްޓަކައި ސަޢޫދީ ސަރުކާރަށާއި ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއަށް ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

މީގެ އިތުރުން، ދާދި ފަހުން ވެސް ސަޢޫދީން ވަނީ 10 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިހާރު ވަނީ އެ ކަދުރުތައް ރާއްޖޭގެ އެކި މުއައްސަސާތަކަށާއި ދާއިރާތަކަށް ބަހައި ވެސް ނިންމާފައެވެ.

Leave a Reply