
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް މިއަދުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސް، މުޅި ނިޒާމު އަލުން ފަރުމާކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، އަލަށް އެކުލަވާލި އޮނިގަނޑުގެ ދަށުން އިންޓެލިޖެންސާއި، ފޮރެންސިކާއި، ތަޙުޤީޤީ ދާއިރާގެ އިތުރުން އޮޕަރޭޝަނަލް ސަޕޯޓާއި، ޓެކްނޮލޮޖީ އަދި ތަމްރީނު ފަދަ މުހިންމު ބައިތައް ވަނީ ޚާއްޞަ ކޮމާންޑްތަކެއްގެ ދަށަށް ބަދަލުކުރެވިފައެވެ. އަދި މި އައު ނިޒާމަށް އަމަލުކުރުން ފެށުމާއެކު، އައު މަޤާމުތަކަށް އޮފިސަރުން ހަމަޖެއްސުމާއި އިދާރީ ސިޔާސަތުތައް ބައްޓަންކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މި އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:
• އޮފީސް އޮފް ދަ ކޮމިޝަނަރ
• ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
• ޕްރޮފެޝަނަލް ސްޓެންޑަރޑްސް
• ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
• އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
• ފޮރެންސިކް ސަރވިސަސް
• ސެންޓްރަލް އިންވެސްޓިގޭޝަންސް
• މާލޭ ޕޮލިސް
• ހުޅުމާލޭ ޕޮލިސް
• ނޮދަން ޕޮލިސް
• ސަދަން ޕޮލިސް
• ސަރވިސް ޑިވެލޮޕްމަންޓް
• ސަރވިސް ސަޕޯޓް
• ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
މި ބަދަލުތަކުގެ އެންމެ ބޮޑު އަމާޒަކީ މުއައްސަސާގެ އެކި ގޮފިތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، އޮޕަރޭޝަންތައް ހިންގުމުގައި މިހާރަށްވުރެ އަވަސް އަދި އެދެވޭ ނަތީޖާއެއް ނެރުން ކަމަށް ފުލުހުން ބުނެއެވެ. އަދި އޮނިގަނޑު ފަރުމާކޮށްފައި ވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާ އެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދު ކަމަށް ވެސް ފުލުހުން ބުނެއެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































