
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ އިދާރީ ހިންގުން އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި، އެ މުއައްސަސާގެ ބޯޑުގެ މެންބަރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގާނޫނީ އިސްލާހުތަކެއް މިއަދު ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު މެދުވެރިކޮށެވެ. ޔޫއާރުއޭގެ ގާނޫނަށް ސަރުކާރުން ޖުމްލަ އެގާރަ އިސްލާހެއް ގެނައުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ބަދަލަކީ، މިހާރު ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑު، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާ އެކު ޖުމްލަ ހަތް ބޭފުޅުންނަށް ބަދަލުކުރުމެވެ.
އަލަށް ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޗީފް އެގްޒެކެޓިވް ފިޔަވައި ބޯޑުގައި ދެން ތިއްބަވާނީ ތަފާތު ފަންނީ ދާއިރާތަކުން މަތީ ތައުލީމާއި އަމަލީ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުންނެވެ. އަދި ކޮންމެ ދާއިރާއަކުން ވެސް ތަމްސީލުކުރާނީ އެންމެ މެންބަރެކެވެ. މީގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ފަސް އަހަރުގެ އެއް ދައުރުގެ އުސޫލު ބަދަލުކޮށް، މަގާމުން ވަކިކުރެވޭ ހާލަތްތައް ފިޔަވައި އެހެނިހެން މެންބަރުންނަށް އެއް ދައުރަށްވުރެ ގިނަ ދުވަހު ބޯޑުގައި ދެމިތިބެވޭނެ މަގު ތަނަވަސްކޮށްދިނުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
ބޯޑުގެ ބައްދަލުވުންތަކުގެ ކޯރަމް ކަނޑައެޅުމާއި، ނިންމުންތައް ނިންމުމުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓު ނުދެވޭނެކަން ވެސް މި ބިލުގައި ސާފުކޮށްދީފައިވެއެވެ. މި ގާނޫނު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ގެޒެޓުކުރާތާ ތިރީސް ދުވަހުގެ ތެރޭގައި، އަލަށް އައްޔަންކުރަންޖެހޭ މެންބަރުން މަގާމާ ހަވާލުވާންޖެހޭނެކަމަށް ވެސް އާ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































