
ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ހިތާމަވެރި ހާދިސާއެއް ދިމާވެ މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިތައް، ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ ފަތިހު، އެމީހުންގެ އަމިއްލަ ޤައުމަށް ފޮނުވާލުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަތަރު މީހުންގެ ހަށިގަނޑު ވެސް އިޓަލީއަށް ގެންދިއުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އެ ޤައުމުގައި މި މީހުންގެ ޕޯސްޓްމޯޓަމްގެ ކަންކަން ފުރިހަމަކުރުމަށްފަހު، އެއިން ލިބޭ ނަތީޖާތަކާއި ތަޙުޤީޤީ ރިޕޯޓުތައް ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ޙިއްޞާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 14ވަނަ ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ދިވެހި ފުލުހުންނާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އިޓަލީ ސަރުކާރުގެ އެހީގައި ގެނައި ބޭރުގެ ތަޖުރިބާކާރުން ގުޅިގެން ކުރި ބުރަ މަސައްކަތުން، އެމީހުންގެ ހަށިތައް ފެނުނީ މިމަހުގެ 18ވަނަ ދުވަހުއެވެ. ކަނޑުއަޑީގެ ފުން ހޮހަޅައެއްގެ ތެރެއިން ފެނުނު މި ހަށިތަކުގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު 19ވަނަ ދުވަހު ނެގިއިރު، އަނެއް ދެ މީހުންގެ ހަށިގަނޑު ސަލާމަތްކުރެވުނީ އޭގެ އަނެއް ދުވަހުއެވެ.
މި އޮޕަރޭޝަން ނިންމާލުމުގެ ގޮތުން، ޑައިވަރުންގެ ހަށިތައް ނެގުމުގައި ހަރަކާތްތެރިވި ޑޭން ޔޫރަޕްގެ ޓީމުން އިއްޔެ ވަނީ އެންމެ ފަހުގެ ޑައިވްކޮށްފައެވެ. މި ޑައިވްގެ މައިގަނޑު މަޤްޞަދަކީ ކަނޑުގެ ތިމާވެއްޓަށް ގެއްލުން ނުވާނެހެން، ހޮހަޅަ ތެރޭގައި ހުރި އޮޕަރޭޝަނަލް އާލާތްތަކާއި ގައިޑްލައިންތައް ނަގައި ސާފުކުރުމެވެ. މީގެ އިތުރުން، ތަޙުޤީޤަށް މުހިންމުވެދާނެ ކަމަށް ބެލެވޭ ބައެއް ތަކެތި ހޯދައި، އެ ހެކިތައް މިހާރު ވަނީ ދިވެހި ފުލުހުންނާ ޙަވާލުކޮށްފައެވެ.
މި ހާދިސާގައި ޖުމްލަ 5 އިޓަލީ މީހަކު މަރުވިއިރު، އެންމެ ފުރަތަމަ ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. ބާކީ ތިބި މީހުން ހޯދުމަށް ފިންލެންޑުގެ ފަންނީ 3 ޑައިވަރުންނެއް އިޓަލީ ސަރުކާރުން ރާއްޖެ ގެނެސްފައިވާއިރު، މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ އޮޕަރޭޝަންތަކުގެ ތަޖުރިބާކާރުންނެވެ. މި ހިތާމަވެރި ހާދިސާގައި، މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ކުޅަދާނަ ޑައިވަރެއް ވެސް ވަނީ ހާލު ދެރަވެ ނިޔާވެފައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































